ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ޚުޠުބާ
Haqeeqee hiyhama jehumaai amaan kann libeynee sahahh aqeedhaagai saabithuvegen: Khuthubaa

ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ދުނިޔެއާއި އާޚިރަތުގެ ނަޖާވުން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ”އިސްލާމީ ޢަޤީދާގެ މުހިންމުކަން“ މި މަޢުޟޫޢަށް އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ އެންމެހައި އަޅުކަމާއި ހެޔޮ ޢަމަލުތަކުގެ ބިންގަލެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ޒަމާން ތަރައްޤީވެ މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި ހިތާމަ އަދި އެކަނިވެރިކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަމުގެ ޙައްލަކީ ޞައްޙަ ޢަޤީދާގައި ހިފެހެއްޓުންކަން ފާހަގަކުރައްވަމުން، އެތެރެފުށް އިޞްލާޙުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ސަލަފުއްޞާލިޙުންގެ ބަސްފުޅެއް ނަކަލުކުރައްވައި ޚުޠުބާގައި ވިދާޅުވިއެވެ: ”އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެތެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ.“
މީގެއިތުރުން، އިސްލާމީ ޢަޤީދާއަކީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ވާރުތަވާ ތަރިކައެއްގެ ގޮތުގައި ނުބަލައި، އެ ނިޢުމަތާމެދު އިހުމާލުނުވުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ދީނާ ދުރު ފިކުރުތަކުން ސަލާމަތްވުމަށް ޞައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ހަނދާންކޮށްދެއްވިއެވެ. މި މޭރުމުން، ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ބަސްފުޅެއް ގެންނަވަމުން ވިދާޅުވިއެވެ: ”އިސްލާމްދީނުގެ އުޞޫލުތައް، ބޮޅަކަށްފަހު ބޮޅެއް ނެއްޓި ދެމިގަނެގެންދާހުށީ، ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުންނެވެ.“
ޚުޠުބާ ނިންމަވާލައްވަމުން ވަނީ، ދުންޔަވީ ކަންކަމަށް މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިއަކަށްވުމަށް ގޮވާލައްވާފައެވެ. އަދި ޞަޙާބީ ޖުންދުބު ބިން ޢަބްދިﷲގެ ބަސްފުޅާ އެއްގޮތަށް، ކީރިތި ޤުރްއާނާއި އީމާންކަން އެކުއެކީގައި އުނގެނި، އަންނަން އޮތް ޖީލުތަކަށް މި މަތިވެރި އަމާނާތް ރައްދުކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.




