ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފުތިތާހުކޮށްފި

Sifainge 74 vana asaasee thamreen course rasmeekoh ifthithaahkohffi

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ސެޕްޓެންބަރު މަހުގެ 24 ވީ އަންގާރަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސިފަވަންތަ އަދި ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކޮށް ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދިއުމަށް މުދައްރިބުންނަށް ވެސް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް އިގުރާރު ލައިދެއްވުމާއި، މުދައްރިބުންނަށް ވައުދު ލައިދިނުން ވެސް ކުރިއަށްދިޔައެވެ. އެގޮތުން، ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ނާއިފެވެ. އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ ކޯހުގެ ކޮމްޕެނީ ކޮމާންޑަރ، މޭޖަރ ނާމިލް ޢަބްދުލް ޣަފޫރެވެ.

މިފަހަރުގެ އަސާސީ ތަމްރީނު ކޯހުގައި ޖުމްލަ 156 ދަރިވަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 24 އަންހެން ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދާއި، ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމާއި، އެ އޭރިއާގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖުނައިދުގެ އިތުރުން ސިފައިންގެ އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted