އިމާރާތް ކުރަން ފަށާފައިވާ ގެތައް ނިންމަން ލޯނު ސްކީމުން ފުރުސަތު ދެނީ

Imaaraai kuran fashaafaivaa gethah nimman loan scheme in furusathu dhenee

އިމާރާތް ކުރަން ފަށާފައިވާ ތަންތަން ނިންމުމަށްޓަކައި ހައުސިން ލޯނު ސްކީމުގެ ތެރެއިން ފުރުސަތު ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގައި ބައިވެރިވި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ފަރާތުން ވަނީ ފަސް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ދޭއިރު، އަދި އިކުއިޓީ %5 އަށް ކުޑަކޮށް ލޯނު ދޫކުރާއިރު، މިހާރު އިމާރާތްކުރަމުންދާ ތަންތަން ނިންމުމަށް ރީފައިނޭންސް ކުރުމަށް ލޯނު ދިނުމަށް ސަރުކާރުން ވިސްނަމުންދޭތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމަން ފުރުސަތު ލިބުމާއި، އިތުރު ބައެއް ކަންކަން ހިމެނޭގޮތަށް ލޯނާ ގުޅިގެން އާންމުންނަށް އިތުރު ލުއިފަސޭހަތަކާއި ފުރުސަތުތައް ހޯދައިދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

”އެބަ އުޅޭ މިހާރު، ހައުސިން މިނިސްޓްރީން އެބަ މަސައްކަތް ކުރޭ އެއްޗެއް. ތި ވިދާޅުވި ގޮތަށް ނިންމަން ބޭނުންވާ ތަންތަނަށް އިތުރު ފުރުސަތު އެބަ ހުޅުވާލަން ލޯނު ސްކީމުގެ އާ ފުރުސަތަށް،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށް ހުޅުވާލެވޭ މި ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެއެވެ. ބޯހިޔާވަހިކަމަކީ ގިނަ ރައްޔިތުންތަކަކަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، އެކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted