މަތީ ސާނަވީ އިމްތިޙާނު 4900އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި

Matheee saanavee imthihaanu 4900 ah vure gina dharivarunna eku fashaifi

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު 4900އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ. ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިއަހަރުގެ އިމްތިޙާނު 53 ސެންޓަރެއްގައި ކުރިއަށްދާއިރު ޖުމްލަ 4973 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވެއެވެ. މީގެ އިތުރުން 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނު ކުރިއަށްދާ މަރުކަޒުތަކުގެ ތަފްޞީލަށް ބަލާއިރު، މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި 3284 ދަރިވަރުން އިމްތިޙާނު ހަދަމުންދާއިރު، އަތޮޅުތަކުގެ ރަށްތަކުގައި ޤާއިމުކޮށްފައިވާ 49 ސެންޓަރުގައި 1689 ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ. މި އަހަރުގެ އޭލެވެލް އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27އިން ފެށިގެން އަންނަމަހުގެ 30ގެ ނިޔަލަށެވެ.

ސަރުކާރުން ވަނީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓް ޕްރޮގްރާމެއް ފައްޓަވާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2023ވަނަ އަހަރު 6700 ދަރިވަރުން އޯލެވެލް ނިންމިއިރު އޭލެވެލްއަށް ވަދެފައިވަނީ 2100 ދަރިވަރުންނެވެ. ނަމަވެސް 2025 ވަނަ އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު 3200 ދަރިވަރުން އޭލެވެލްއަށް ވަދެފައިވާ ކަމަށާއި، މިއަހަރު އޭލެވެލް ހަދާ ކުދިންގެ އަދަދު 4000 އިން މައްޗަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި، މި 5 އަހަރު ނިމިގެންދާއިރު ރާއްޖޭގައި ސްކޫލުން ނިންމާ މަރުހަލާއަކީ އޭލެވެލް ކަމުގައި ކަނޑައެޅިގެން ދިއުމެވެ. މީގެ އިތުރުން އޮކްޓޫބަރު އަދި ނޮވެމްބަރު މަހު އޭލެވެލް އިމްތިޙާން ކުރިއަށްގެންދާއިރު، ސަރުކާރުން މިހާރު ވަނީ މޭ އަދި ޖޫން މަހުގައިވެސް އިމްތިޙާން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސަވާފައެވެ.

މަތީ ސާނަވީ ތަޢުލީމު ދެ ޕާތުވޭއަކަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އެކަޑެމިކް ޕާތުވޭގެ އިތުރުން، ވޮކޭޝަނަލް ތަޢުލީމުގެ މަރުހަލާވެސް މިހާރު ވަނީ ފަށާފައެވެ. މި ވޮކޭޝަނަލް ޕާތުވޭގައި އެކިކަހަލަ ކޯސްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މައިގަނޑު މަޤްޞަދަކީ މަތީ ސާނަވީ ނިމޭއިރު ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައެޅި، އެކުދިންނަކީ ވަޒީފާގެ މާހައުލަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted