ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ސެމީ ފައިނަލުގައި ވަރުގަދަ ދެ މެޗު

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް ނިމި، ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅެފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބުން ވަނީ 3-1 ގެ ނަތީޖާއަކުން ޔުނައިޓެޑް އައުޓްރީފް ބަލިކޮށްފަ އެވެ. ފޮއެމަތިގެ ގޯލުތައް ޖެހީ މުހައްމަދު ސާދު ނިޒާރު އާއި އަހުމަދު ބައްސާމް (ބައްކު) ގެ އިތުރުން އަލީ މީސާގް (މީއްޓެ) އެވެ. ޔުނައިޓެޑް އައުޓްރީފްގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މުހައްމަދު (އައްޕަޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޮއެމަތިގެ ސާދު އެވެ.

ސެމީ ފައިނަލްގައި ފޮއެމަތި ނިކުންނާނީ، ރަސްހިންނެ ސްޕޯޓްސް ކްލަބާ ދެކޮޅަ ށެވެ. ރަސްހިންނެ އިން ވަނީ ކުއާޓާގައި 2-1 ގެ ނަތީޖާއަކުން ބީޖީއެސްސީ ބަލިކޮށްފަ އެވެ. ރަސްހިންނެގެ ގޯލުތައް ޖެހީ ސާމިން މުހައްމަދު ނަސީރު އާއި އަހުމަދު ހަލީމް (އަންމަޑޭ) އެވެ. ބީޖީއެސްސީގެ ގޯލު ޖެހީ މުހައްމަދު ޒިދާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރަސްހިންނެގެ ސާމިން އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި އައުޓްރީފް ސްޕޯޓްސް ކްލަބެވެ. މުންޑޫ ޒުވާނުންގެ ޖަމިއްޔާ ސެމީ އަށް ދިޔައީ 3-2 ގެ ނަތީޖާއަކުން ވައްޓަފާޅި ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، މުންޑޫ ޓީމުގެ މުހައްމަދު ޒީދާން ވަނީ ހެޓްރިކް ހަދާފަ އެވެ. ވައްޓަފާޅިގެ ގޯލުތައް ޖެހީ ޝަހީމް އަބްދުލް ގާދިރު އާއި އަހުމަދު އައިހަމް (އައިހު) އެވެ.

ކުއާޓާގެ ފަހު މެޗުގައި އައުޓްރީފް ސްޕޯޓްސް ކްލަބުން ވަނީ ފަސޭހަ ކަމާއެކު 11-0 ގެ ނަތީޖާއަކުން އަމިގޯސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަލީ ޝާމިސް (ތޮއްޕެ) ހެޓްރިކް ހަދާފައިވާއިރު، އަލީ ޝިޔާހު (ޝިޔާ) އާއި އިސްމާއީލް ވަޖީހު(ވައްޖެ) ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެއިތުރުން، ޠާއިފް ގާސިމް އާއި ހުސައިން ނިހާން (ނިހާޓް) އަދި އަލީ ޝަމީމް ގޯލެއް ޖަހާފައިވާއިރު، އަމިގޯސްގެ މުހައްމަދު ސަމާހު އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތޮއްޕެ އެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކީ ޕަސްކުއާލް އެވެ. މުބާރާތުގައި 15 ޓީމު ބައިވެރިވެފައިވާއިރު، ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments