މުޅި ރާއްޖޭގައި 27 އިންޑޯ ކޮމްޕްލެކްސްއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްއެބަދޭ: ވަޒީރު ރާފިޢު
Mulhi raajjeygai indoor complex ehge amalee masahakai mihaaruves kuriah ebadhey: vazeeru Raafiu

ކުޅިވަރުގެ ދާއިރާ ލާމަރުކަޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގައި 27 އިންޑޯ ކޮމްޕްލެކްސްއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
”އަހާ“ ފޯރަމްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ އިންޑޯ ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، އެތެރޭގައި ކުޅޭ ކުޅިވަރުތަކުގެ މުބާރާތްތައް ވަކި ތާވަލަކާ އެއްގޮތަށް، ލުއިފަސޭހަކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަގުފަހިކުރުން ކަމަށެވެ.
މާލެ ސަރަހައްދުގެ ކުޅިވަރު ވަސީލަތްތައް އިތުރުކުރުން
ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތީ އެންމެ އިންޑޯ ވަސީލަތެކެވެ. ”ވަރަށް ދުވަސްވެއްޖެ ރާއްޖޭގަވެސް އަދި މާލެ ސަރަހައްދުގައިވެސް 33 އަހަރުވީއިރުގައިވެސް އަޅުގަނޑުމެންގެ އެންމެ މަލްޓީސްޕޯޓް އިންޑޯ ކޮމްޕްލެކްސްއެއް އެންމެ ސްޓޭޑިއަމްއެއް މި އިންނަނީ އެއީ ސޯޝަލް ސެންޓަރ. މިހާރު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފޭސް 2 ގައި އިންޑޯކޮމްޕްލެކްސްގެ މަސައްކަތް ފަށާނަން،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ވިލިމާލޭގައިވެސް ޒަމާނީ ފެންވަރުގެ އިންޑޯ ފެސިލިޓީތައް ގާއިމުކުރުމަށް ނިންމާފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން ތަރައްގީކުރާ މި އިންޑޯ ކޮމްޕްލެކްސްތަކަކީ އެތުލީޓުންނަށް ތަފާތު ސްޓޭޑިއަމްތަކުގައި ވާދަކުރުމުގެ ތަޖުރިބާ ލިބިގެންދާނެ ތަންތަން ކަމަށެވެ. އަދި މި ކޮމްޕްލެކްސްތަކުގައި ކުޅުންތެރިންގެ ދުޅަހެޔޮކަމާއި ފިޓްނަސް ދެމެހެއްޓުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ފުރިހަމައަށް ހުންނާނެ ކަމަށާއި، މިއީ އެންމެހައި ރައްޔިތުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެން ތަރައްގީކުރެވޭ މުހިންމު ހިދުމަތްތަކެއް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.




