މެރިކަލްޗާ ޒޯންތައް ހުޅުވާލެވެން އޮތީ އާ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއެކު: ޝިޔާމް
Mariculture hulhuvaaleven othee aa qaanoonge dhashun hadhaa qavaaidhuthakaaeku: Shiyam

ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތްތައް ފުޅާކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ހުޅުވާލައި، އެ ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ފަޅުރަށްރަށާ ބެހޭ އައު ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ނިމުމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ރާއްޖޭގައި އުފެއްދެން ހުރި ބާވަތްތައް ބޭރުން އެތެރެކުރުން ހުއްޓުވުމަށް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ދަނޑުވެރިކަމާއި މެރިކަލްޗާގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
13 ސަރަހައްދެއް ވަނީ ކަނޑައަޅާފައި
ވަޒީރު ވިދާޅުވި ގޮތުގައި، މެރިކަލްޗާ ތަރައްގީކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ 13 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އަދި އެ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ގިނަ ޕްރޮޕޯސަލްތަކެއް މިހާރުވެސް ވުޒާރާއަށް ލިބިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. ނަމަވެސް، އެ ހުށަހެޅުންތައް ދިރާސާކޮށް ކުރިއަށް ގެންދެވޭނީ ފަޅުރަށްރަށާ ބެހޭ އައު ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ނިމުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.
”ގާނޫނަށް އަމަލުކުރަން ފެށި، ގަވާއިދުތައް ނިމޭއިރު އެ ސަރަޙައްދުތައް ވެސް ހުޅުވާލެވޭނެ. މީގެ ކުރިން އަޅުގަނޑުމެންނަށް ލިބިފައި ހުރި ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން ފެށެން އޮތީވެސް ގަވާއިދު ނިމިގެން. އަޅުގަނޑުމެން އަމާޒު ހިފަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޤަވާއިދުތައް ނިންމައި، ލިބިފައި ހުރި އަދި އަލަށް ލިބޭ ޕްރޮޕޯސަލްތަކާއެކު ކުރިއަށްދާން،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި މީހުން ދިރިއުޅޭ 10 ރަށަކާއެކު ޚާއްސަ މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ފަޅުރަށްތަކުގައި ހިންގި ދަނޑުވެރިކަމުގެ މަޝްރޫއުތަކަށް ދިމާވި ގޮންޖެހުންތަކަށް އައު ގާނޫނުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓުމާއި، ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން، ރާއްޖެ އެތެރެކުރާ މިންވަރު މަދުކޮށް، ބޮޑެތި އިންވެސްޓްމަންޓްތަކަށް މަގުފަހިވާނޭހެން ލުއިފަސޭހަ އުސޫލުތަކެއް ތައާރަފުކުރުމަކީ މި ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.




