ލ. މާބައިދޫ އިރުން 11 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި
L.Maabaidhoo irun 11 meylu beyrugai dhoshee kandhufathi qaaimkohffi

ލ. މާބައިދޫ އިރުން 11 މޭލު ބޭރުގައި ދޮށީ ކަނދުފަތި ގާއިމްކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، އަލަށް ޤާއިމުކުރި މި ދޮށީ ކަނދުފަތީގެ ނަންބަރަކީ L10D01-01 އެވެ. އަދި މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 2°02.400N އަދި 73°43.300E އެވެ.
މަސްވެރިންނަށް ލިބޭނެ ލުއިފަސޭހަތައް
މި ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގެ މަސްވެރިންނާއި، ޚާއްޞަކޮށް ޒުވާން މަސްވެރިންގެ އިތުރުން ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން، ކަނދުފަތި އެޅުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް އެ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކަނދުފަތިތައް ބެހެއްޓުމުގެ އިންތިޒާމުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ.




