އަތޮޅުތަކުގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ކުރިއަށް!
Atholhuthakuge sih'hee dhaairaa tharahqee kurumah 5.98 billion rufiyyage mashroouthakeh kuriah!

ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުމްރާނީ ތަރައްގީއަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންދާކަން ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، ރާއްޖޭގެ ކަންކޮޅުތަކަށް ސިއްހީ ހިދުމަތް ފުޅާކުރުމަށާއި، ބޭސްފަރުވާއަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ރަށުގައި ތިބެގެން އިތުބާރު ހުރި، ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ އަމަލީ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
40 ހޮސްޕިޓަލަކާއި 22 ސިއްހީ މަރުކަޒެއްގެ މަސައްކަތް
ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ސިއްހީ ތަރައްގީގެ ދުވެލި ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ”ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 40 ހޮސްޕިޓަލެއްގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެއްވެސް އައު ހޮސްޕިޓަލެއްގެ މަސައްކަތް ފަށާފައި ނުވޭ،“ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކުގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން 22 އާ ސިއްހީ މަރުކަޒެއްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ވޭތުވެދިޔަ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ފަށާފައިވަނީ އެންމެ ދެ މަޝްރޫއު ކަމަށެވެ.
މަރުކަޒުތައް އަޕްގްރޭޑްކުރުމަށް 89 މަޝްރޫއު
މީގެއިތުރުން، މިހާރު ހިދުމަތް ދެމުންދާ ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށާއި ހިދުމަތްތައް އަޕްގްރޭޑް ކުރުމަށްޓަކައި މި ސަރުކާރުން 89 މަޝްރޫއެއް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި އެފަދަ މަޝްރޫއުތަކުގެ އަދަދަކީ 38 އެވެ.
ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް އަތޮޅުތަކުގެ ސިއްހީ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމުމުން، ސިއްހީ ފަރުވާއަށް ވެރިރަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި މި ބަދަލުތަކާއެކު މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ




