ވެރިކަމުގެ ނިޒާމު ބަދަލުކުރުން ހިމެނޭ ”ބޮޑު ބަދަލު“ އެމްޑީޕީ ކޮންގްރެސްގެ އަޣުލަބިއްޔަތުން ފާސްކޮށްފި
Verikamuge nizaam badhalukurun himeney "Bodu badhalu" MDP congressge agulabihyyathun faaskohffi

ގާނޫނުއަސާސީއަށާއި ވެރިކަމުގެ ވައްޓަފާޅިއަށާއި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި އިގުތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ހުށަހެޅުއްވި ”ބޮޑު ބަދަލު“ ސިޔާސަތު އެ ޕާޓީގެ ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި މި ސިޔާސަތު ފާސްވީ ކޮންގްރެސްއަށް ހާޒިރުވި 563 މަންދޫބުންގެ ތެރެއިން 520 މަންދޫބުންގެ ވޯޓުންނެވެ.
ވެރިކަމުގެ ނިޒާމަށް ހުށަހެޅި މުހިންމު ބަދަލުތައް
”ބޮޑު ބަދަލު“ ސިޔާސަތުގެ ދަށުން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅައި، ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުން މި ހުށަހެޅުމުގައި ހިމެނެއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، ”އަޅުގަނޑުމެން މި ހުށަހަޅަނީ ހަމަޖެހުމާއި ސިޔާސީ ކަންކަމުގެ މައްޗަށް މީހަކު ހުންނަންޖެހެޔޭ، އެގޮތުން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުންނަންޖެހޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ހުށަހަޅަނީ،“ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވިފައި އޮންނަން ވާނީ ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ ފަރާތެއްގެ ގޮތުގައި ކަމަށާއި، އެ ފަރާތް އައްޔަންކުރާނީ ކައުންސިލްތަކާއި މަޖިލިސް އެކުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނުއަސާސީއާއި އަދުލުގެ ނިޒާމަށް ގެންނަން ހުށަހެޅި އިސްލާހުތައް
ފައްޔާޒާއި ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް ގާއިމްކުރުމާއި، އާންމު ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި ޑިމޮކްރަސީއާ ގުޅުންހުރި މާއްދާތައް އެކި ގޮތްގޮތަށް މާނަނުކުރެވޭ މިންވަރަށް ގާނޫނުއަސާސީގައި ސާފުކޮށް ލިޔެވިފައި އޮންނަންޖެހޭ ކަމަށް ވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި، މަޖިލީހުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، މެންބަރުންނާއި ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުން ވެސް މި ސިޔާސަތުގައި ހިމެނެއެވެ. ހަމައެއާއެކު، އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތައް އިތުރުކުރުމަށާއި، ގުދުރަތީ ވަސީލަތްތައް ހަލާކުކޮށް ދައުލަތުން ކުރާ އިސްރާފު ހުއްޓުވުމުގެ އިތުރުން ވިޔަފާރިތަކާއެކު ވެވޭ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުން ކަށަވަރުކުރުން ވެސް ހިމެނެއެވެ.




