އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
MMAge fintlit kurehumuge mubaaraathugai baiverivumuge furusathu hulhuvaalaifi

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ”ފިންލިޓް ފެސްޓް 2026“ ގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އެ އޮތޯރިޓީން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ތެރެއިން، ސްކޫލް ކުދިންގެ މެދުގައި މާލީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މުބާރާތުގެ ކެޓަގަރީތަކާއި ތީމްތައް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 5 އިން 7 ގެ ދަރިވަރުންގެ ކެޓަގަރީ އަދި ގްރޭޑް 8 އިން 9 ގެ ދަރިވަރުންގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކުގެ އިތުރުން އަތުން ކުރަހާ ޑިޖިޓަލް ނޫން ކުރެހުންތައް ވެސް ބަލައިގަންނާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
މުބާރާތަށް ކުރެހުން ހުށަހެޅުމަށް ފަސް ތީމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާ ގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިގުތިސާދު، އީޖާދުތަކާއި ކުރިމަގުގެ ފައިސާ، އަދި ރައްކާތެރި އަދި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމެވެ.
އިނާމު އަދި ބައިވެރިވުމުގެ ސުންގަޑި
އެމްއެމްއޭ އިން ބުނީ، މި މުބާރާތުން ވަނަވަނައަށް ހޮވޭ ކުރެހުންތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މުބާރާތަށް ހުށަހަޅާ ފާހަގަކޮށްލެވޭ މޮޅު ކުރެހުންތައް، އެމްއެމްއޭގެ އެކި އިވެންޓްތަކުގައްޔާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭނުތަކުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް ކުރެހުމުގެ އަސްލު އެމްއެމްއޭއަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ވެސް ކުރެހުން ހުށަހެޅޭނެއެވެ. ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.




