ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
Kureege naibu raees Faisal MDPge riyaasee primarygai vaadhakurahvanee

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓް ހޯއްދެވުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ކެމްޕޭން ކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
އަދި ފައިޞަލްގެ ރަނިންމޭޓަކަށް ހަމަޖައްސަވަން ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ފައިޞަލް މިކަން އިޢުލާނު ކުރެއްވީ ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގުރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ނިންމެވުމާ ގުޅޭގޮތުން މޭޔަރު ޢާޒިމް ވިދާޅުވީ، ފައިޞަލްގެ ދަޢުވަތު ޤަބޫލުކުރައްވާފައިވާ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަކީ ޕާޓީއާ ވަރުގަދަ ގުޅުމެއް އޮތް އަދި އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ޤަބޫލުކުރައްވާތީ ފައިޞަލްގެ ފަހަތުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމުގެ މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށާއި، މި ނިންމެވުމަށް ރައީސް ޞާލިޙުގެ ފުރިހަމަ ތާޢީދު އޮތްކަން އެ ދެބޭފުޅުން ވަނީ ޔަޤީންކޮށްދެއްވާފައެވެ. މިއާއެކު، އަމިއްލަފުޅަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ބަދަލުގައި، ފާއިތުވި ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ފައިޞަލް ނެރުއްވުމަށް ރައީސް ޞާލިޙު ނިންމެވި ކަމަށް ކުރިން ދެކެވުނު ވާހަކަތަކަށް މިވަނީ ބާރު ލިބިގެން ގޮސްފައެވެ.
ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އެމަނިކުފާނުގެ މަސައްކަތްޕުޅު އެމްޑީޕީއާއެކު ދެމިއޮންނާނެ ކަމަށް ފައިޞަލް ވިދާޅުވިއެވެ. އަދި އަމިއްލަ މަޞްލަޙަތަށްވުރެ ޕާޓީގެ މަޞްލަޙަތު އިސްކުރައްވައި، އެހެން ކެންޑިޑޭޓަކު ހޮވިވަޑައިގެންނެވި ނަމަވެސް އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށްޓަކައި އެ ބޭފުޅަކާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ނިމިދިޔަ ސަރުކާރުގެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ އިޤްތިޞާދީ ވަޒީރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ޚާރިޖީ ވަޒީރު އަދި ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން އިޢުލާނު ކުރައްވާފައެވެ. ފައިޞަލްގެ މި ނިންމެވުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވާދަވެރިކަން މިހާރު މިވަނީ އިތުރަށް ބޮޑުވެފައެވެ.




