ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި

Council thakah block grantge gothugai 1.8 billion rufiyya dhookohffi

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ދޫކުރި 1.8 ބިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި 1.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.4 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ކައުންސިލްތަކަށް 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ބަޖެޓު ކުރި އަދަދަށްވުރެ އިތުރަށް 8 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުތަކަށް ދައުލަތުން ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުން އަންނަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ”ބްލޮކް ގްރާންޓް“ގެ ގޮތުގައެވެ.

ގްރާންޓް ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް

ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލުމާ ގުޅިގެން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާކަމާއެކު ހިންގުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted