ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުމީ ވިއްސާރަކުރާނެ!
Kuriah oiy 3 dhuvau mulhi rajje ah moosumee vihsaarakuraane!

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެކެވެ. މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވި ނަމަވެސް، އާންމު ގޮތެއްގައި ވައި މަޑުވެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެއެވެ.
ވިއްސާރައާ ގުޅިގެން މިއަދު ހެނދުނު 08:45 އިން މެންދުރުފަހު 14:45 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ވިދާޅުވީ އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އޮކްޓޫބަރު މަހުގެ މޫސުމަށް ބަލާއިރު، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ދެކުނުގެ ސަރަޙައްދުތަކަށް މި މަހު ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ.
މީގެއިތުރުން، މި މަހު މުޅި ރާއްޖޭގެ ފިނިހޫނުމިންވެސް އެވްރެޖް މިންގަނޑަށްވުރެ މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ދުވަހުގެ އެންމެ މަތީ ފިނިހޫނުމިނާއި އެންމެ ދަށް ފިނިހޫނުމިންވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.




