ފުރަތަމަ ތިން ކުއާޓާގައި ބީއެމްއެލް އިން ލޯނުގެ ގޮތުގައި 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
Furathama thin quarter gai BML in loange gothugai 12 billion ahvure gina rufiya dhookohffi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ތިން ކުއާޓާ ތެރޭގައި ލޯނުގެ ގޮތުގައި 12.1 ބިލިއަން ރުފިޔާ ދޫކޮށް، މާލީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، ސެޕްޓެންބަރު 30 ގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ މިންވަރަކީ ވޭތުވެދިޔަ މުޅި އަހަރު ދޫކުރި އަދަދަށް ވުރެވެސް އިތުރު އަދަދެކެވެ.
މި ކުރިއެރުން ހޯދުނީ ގައުމުގެ އިގްތިސޯދީ މައި ދާއިރާތަކަށް ހާއްސަކޮށްގެން ދޫކުރި ފައިނޭންސިންގެ އިތުރުން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބީއެމްއެލުން ހާމަކުރެއެވެ. މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 26 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ހަމައެކަނި ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 36 ޕަސެންޓްގެ އިތުރުވުމެކެވެ.
ބީއެމްއެލުން ހާމަކުރިގޮތުގައި މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިއަން ރުފިޔާ ލިބުނުއިރު، އެހެނިހެން މުއާމަލާތްތަކުން 377.53 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ރެކޯޑުކުރެވިފައެވެ. އަދި ކަސްޓަމަރުން ބޭންކުގައި ރައްކާކޮށްފައިވާ ޑިޕޮސިޓްތަކުގެ އަދަދު 14 ޕަސެންޓް މައްޗަށް ގޮސް، 42.36 ބިލިއަން ރުފިޔާއަށް އަރާފައިވުމަކީ ލޯނު ދޫކުރުމުގެ ގާބިލުކަން އިތުރުވެގެންދިޔަ މައިގަނޑު ސަބަބު ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މީގެއިތުރުން، ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސެންޓުގައެވެ. މިއީ ގަވާއިދުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓާ އަޅާބަލާއިރު ތިންގުނަ ވަރުގަދަ އަދަދެކެވެ. ހަމައެއާއެކު، ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ކުރި މަސައްކަތުން ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 ޕަސެންޓުގައި ހިފެހެއްޓިފައިވާއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މިންގަނޑެކެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، 373,600 އަށް ވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރަކީ ބޭންކުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ފައިސާ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން، ކަސްޓަމަރުންގެ އިތުބާރު ބޮޑުވުމަކީ ލޯނު ދޫކުރުން ފުޅާވެ، ބޭންކުގެ މާލީ ބިންގާ ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަވަމުން އަންނަ މައިގަނޑު ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.




