އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިންނާއެކު، 154 ކުދިން އެންސްޕާގެ އެހީ ދޭ ދަފުތަރުން އުނިކޮށްފި
Ekani dharin balahahtaa 84 beleniverinaaeku, 154 kudhin NSPA ge eheedhey dhaftharun unikohffi

އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކާއި 154 ކުދިން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން މިދިޔަ ސެޕްޓެމްބަރު މަހު އުނިކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އެކަނިވެރި ބެލެނިވެރިންގެ އެހީ ދަފުތަރުން އުނިކުރި އަދަދު ވަނީ އޯގަސްޓު މަހާ އަޅައިބަލާއިރު އިތުރުވެފައެވެ. އެގޮތުން އޯގަސްޓު މަހު އެ ދަފުތަރުން އުނިކޮށްފައިވަނީ 39 ބެލެނިވެރިންނާއި 80 ކުދިންނެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ފޯރުކޮށްދޭ ދަފުތަރުން ވެސް މިދިޔަ މަހު 22 އަންހެނުންނާއި 27 ފިރިހެނުން އުނިކޮށްފައިވެއެވެ. އޯގަސްޓު މަހު އެ ދަފުތަރުން ވަކިކޮށްފައިވަނީ 14 އަންހެނުންނާއި 26 ފިރިހެނުންނެވެ.
އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ކޮންމެ ބެލެނިވެރިއަކަށް ކުއްޖަކަށް މަހަކު ދެނީ 1000 ރުފިޔާއެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން އެހީގެ ގޮތުގައި ދޫކުރެވެނީ 36000 ރުފިޔާއެވެ.
އެންސްޕާގެ ގަވާއިދު ބަޔާންކުރާ ގޮތުގައި، އެކަނިވެރި ބެލެނިވެރިންނަށް ދޭ އެހީ ހުއްޓާލާ ސަބަބުތަކުގެ ތެރޭގައި އެހީ ލިބޭ ފަރާތުން ކައިވެނިކުރުމާއި، ކުއްޖާއަށް 18 އަހަރު ފުރުން ހިމެނެއެވެ. އަދި އެހީ ދޫކުރީ ބެލެނިވެރިއަކު ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ ކަމަށްވާނަމަ، އެ މީހަކު ޖަލުން މިނިވަންވުމުން ވެސް އެހީ ކެނޑިގެންދާނެއެވެ. މީގެ އިތުރުން، އެހީ ލިބޭ ކުއްޖާއާއެކު އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމާއި، ވަރިކުރި މީހާއާއެކު އެއް ގޭބީސީއެއްގައި ދިރިއުޅެމުންދާ ހާލަތްތަކުގައި ވެސް އެހީ މެދުކަނޑާލުމުގެ ބާރު ގަވާއިދުން އެންސްޕާއަށް ލިބިދެއެވެ.




