އީގަލް ހިލްސް މަޝްރޫއު ހުއްޓުވަން ޔާމީން މަސައްކަތް ކުރައްވަނީ ވެރިކަމާހެދި: އަބްދުއްރަހީމް
Eagle hills mashroou huhtuvan Yameen masahkaikurahvanee verikamaahedhi: Abduhraheem

ރަސްމާލެ ތަރައްގީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީގަލް ހިލްސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލި އަޚްލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގަން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމެއްގައި ޔަހޫދީންގެ ވަޒަންވެރިވުމެއް ގާއިމުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއާ މެދު ދިވެހިންގެ އޮތީ ނަފްރަތު ކަމަށް ވިދާޅުވެ، އެ މަޝްރޫއު ހުއްޓާލުމަށް ޔާމީން ވަނީ އެ ކުންފުންޏަށް ގޮވާލައްވާފައެވެ.
ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހަނދާންކޮށްދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ އޭރު އެ މަޝްރޫއު ހުއްޓުވަން އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލޭގެ މަޝްރޫއަށް ހުރަސްއަޅަން ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
”އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީ ކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް، ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަވާ ހިސާބަށް ދިޔައީތޯ؟“ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި، ގައުމާ މެދު ވިސްނައި ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ތަޞައްރުފު ފުދިފައިވާ ބައެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށާއި، އެ މަޝްރޫއު ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
އަބްދުއްރަހީމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިން އަބަދުވެސް ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްގީ ކަމަށާއި، އަބަދުވެސް އެންމެ އިސްވާނީ ގައުމު ކަމަށެވެ.



