ގަމުގެ ފުރަތަމަ ޕޯލްޓްރީ ފާމް އެސްއެމްއީ ޑިޖިޓަލްގެ އެހީތެރިކަމާއެކު ކުރިއަށްގެންދަނީ
Gamuge furathama poultry farm SME digitalge eheetheri kamaaeku kuriahgendhanee

ލ. ގަމުގައި ތަފާތު ވިޔަފާރިތައް ހިންގަމުން އަންނަ އަބްދުލްވައްހާބު އަބްދުﷲ، އެ ރަށުގައި އެންމެ ފުރަތަމަ ފެށި ޕޯލްޓްރީ ފާމްގެ މަސައްކަތް އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިންގ އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ.
ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން މުދާ އިމްޕޯޓްކޮށްގެން ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ އަބްދުލްވައްހާބަކީ 2000 ވަނަ އަހަރުން ފެށިގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި ކުރެވިދާނެ ކަންކަމާމެދު ވިސްނައި، ހޮބީއެއްގެ ބަދަލުގައި އާމްދަނީ ލިބޭނެ ވަށާޖެހޭ ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް އޭނާ ފެށި މި މަސައްކަތަކީ ގަމުގައި ހިންގާ މިފަދަ ހަމައެކަނި ޕޯލްޓްރީ އަދި ލައިވްސްޓޮކް ފާމެވެ.
ގޭބިސީތަކުން ބާކީވާ ކާބޯތަކެއްޗަކީ ކުކުޅާއި ފިޔޮއް ބޮޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތަކަށް ވާތީ، އަބްދުލްވައްހާބު ނިންމީ އަވަށްޓެރި ސްރީލަންކާއިން ކުދި ފިޔޮއް ގެނެސްގެން ބޮޑުކޮށް ވިއްކުމަށެވެ. އެގޮތުން ބައެއް ބްރީޑްތަކުގެ ފިޔޮއް 800 ރުފިޔާއަށް ވިއްކާއިރު، އެންމެ ބޮޑު ޑިމާންޑެއް ލިބެނީ އީދު ދުވަސްވަރާ ދިމާކޮށެވެ. އަދި ބޮޑެތި ކުކުޅަށް އަވަށްޓެރި ރަށްރަށުން ލިބޭ އޯޑަރުތަކަށް ފެރީ މެދުވެރިކޮށް ފޮނުވައިދެއެވެ.
ތިން މުވައްޒަފުންނާއެކު ހިންގާ މި ފާމަށް ކައުންސިލުން ޖާގަ ދީފައިވަނީ ކުޑަ ކުއްޔަކަށެވެ. އެހެންކަމުން މިއީ އޯވަހެޑް ޚަރަދު ކުޑަ، ފައިދާވާ ވިޔަފާރިއެކެވެ. އަދި ބިން ބޮޑު ގަމުގައި އަބްދުލްވައްހާބު ފެށި މި މަސައްކަތް ފެނި، މި ދާއިރާއަށް ޝައުގުވެރިވާ އިތުރު ފަރާތްތައްވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.
މި ވިޔަފާރި ފުޅާކުރުމަށް އަބްދުލްވައްހާބަށް ފައިނޭންސް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ ”ދަނޑުވެރި ނަފާ“ ސްކީމުގެ ދަށުންނެވެ. މި ސްކީމަކީ އަހަރަކު %6 ގެ ޕްރޮފިޓް ރޭޓެއްގައި ދަނޑުވެރިކަމާއި، ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމިންގ އަށް 2،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާ ސްކީމެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެހީތެރިކަމާ ގުޅޭ ގޮތުން އަބްދުލްވައްހާބު ބުނީ، ފައިނޭންސިންގ ލިބުމަކީ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.




