ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް އަންނަ އަހަރުން ފެށިގެން ހިލޭ ހަމަޖައްސައިދެނީ
Hajjveringe medical checkup anna aharun feshigen hiley hamajahsaidhenee

އަންނަ އަހަރުން ފެށިގެން ޙައްޖަށް ދާ މީހުންގެ މެޑިކަލް ޗެކަޕް އެއްވެސް އަގަކާ ނުލައި ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ޙައްޖަށް ދިއުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ ޞިއްޙީ ހާލަތު ދެނެގަނެ، ދުރާލައި އެކަމަށް ތައްޔާރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ހުރިހާ ޙައްޖުވެރިންވެސް މެޑިކަލް ޗެކަޕް ފުރިހަމަކުރުމަކީ ލާޒިމު ކަމަކަށްވާތީ، އަމިއްލަ ޖީބުން ޚަރަދުކުރަން ނުޖެހޭ ގޮތަށް އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނާއި، ހެލްތު މިނިސްޓްރީ އަދި އާސަންދަ ގުޅިގެން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޙައްޖަށް ދާ މީހުންގެ ޞިއްޙީ ހާލަތު ރަނގަޅަށް ދެނެގަނެވިފައި އޮތުމަކީ، އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރުމަށާއި ކުރިމަތިވެދާނެ ޞިއްޙީ ހާލަތްތަކަށް ދުރާލައި ފިޔަވަޅު އެޅުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެހެންކަމުން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މި ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޙައްޖުވެރިންގެ ޞިއްޙީ އިންތިޒާމުތައް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންނަށްވެސް އެމީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު މިހާރު ވަނީ ފަހިކޮށްދީފައެވެ.
މީގެކުރިން ހަމައެކަނި މާލެއިން ލިބެން ހުރި މި ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަޤީންކަމާ އެއްގޮތަށް، އަންނަ ނޮވެމްބަރު މަހުގެ ޢުމްރާ ދަތުރުތަކުން ފެށިގެން އަތޮޅުތަކުގެ ރަށްރަށުންވެސް އިތުރު އަގަކާ ނުލައި ލިބޭނެ ގޮތަށް މިހާރު ވަނީ އިންތިޒާމު ހަމަޖައްސާފައެވެ.




