މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް، ތިން ރޭޓެއް ކަނޑައަޅައިފި

Mifco in mass ganna agu bodukoh thin rate eh kanda alhaifi

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކިލޯއަކަށް ދޭ އަގު ބޮޑުކޮށްފިއެވެ. ސަރުކާރުގެ މަސް ކުންފުނިން ހާމަކުރި ގޮތުގައި، ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސް ގަތުމަށް މިހާރު ވަނީ ތިން ރޭޓެއް ކަނޑައަޅާފައެވެ.

މިފްކޯއިން ފާހަގަކުރި ގޮތުގައި މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.

އަލަށް ގެނައި ބަދަލާއެކު މިފްކޯއިން މަސް ގަންނާނެ ރޭޓުތަކަކީ:

  • 1 އާއި 5 ޓަނާ ދެމެދު: ކިލޯއެއް 21 ރުފިޔާއަށް
  • 5 އާއި 8 ޓަނާ ދެމެދު: ކިލޯއެއް 22 ރުފިޔާއަށް
  • 8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާއަށް

މި ރޭޓުތަކުގައި ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުންނާއި، ލ. ހިތަދޫ ބަނދަރުގެ އިތުރުން މ. މުލަކު ބަނދަރުން މިއަދު މަސް ގަންނަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ބަލައި ފޭސްތަކަކަށް ބަހާލައިގެން މީގެ ކުރިންވެސް އަގުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު 2026 ގައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ދަށުން ބައިނަލްއަގުވާމީ މާކެޓާ އެއްގޮތަށް އަގުތައް ބަދަލުވަމުން ދިޔަ ނަމަވެސް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted