ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު: ފައިސަލް
Primary ah thahyaaruvumuge masahkaithah kuriah dhanee raees Solihge furihama thaaeedhaai ehbaarulumaaeku: Faisal

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ރަނިންމޭޓަކަށް ނެރުއްވަން ނިންމަވާފައިވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސޯލްޓް ކެފޭ އިމާރާތުގައި މިއަދު މެންދުރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮ އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އަބަދުވެސް އެކި އެކި ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. އަދި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވީ ވެސް އެގޮތުން އާއްމުކޮށް ބާއްވާ ބައްދަލުވުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ކުރިއަށް މިދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު. އެގޮތަށް މަސައްކަތްކުރަމުން މިދަނީ،“ ސޯލިހުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އެންމެ ފުރަތަމަ ހާމަކުރެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވެފައިވަނީ، ޕްރައިމަރީން ނާކާމިޔާބުވި ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ”އެ ބޭފުޅަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން“ މަސައްކަތްކުރައްވާނެ ކަމަށެވެ.
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއީދުކުރައްވާފައެވެ.




