ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވައިފި

Palestinege hagugai vakaalaathukurumugai rajje dhemi onnane kamuge yaqeenkan aruvaifi

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ މިހާރުގެ މަސްރަހަށް ރިއާޔަތްކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ އިރާޤުގެ ބަޤްދާދުގައި މިއަދު ބޭއްވި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޤްސަދު ހާސިލްކުރުމަށްޓަކައި އޯއައިސީގެ ހުރިހާ މެންބަރު ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ސުލްހަ ޤާއިމުކުރުމަށްޓަކައި، ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަޒީރު ބާރުއެޅުއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށާއި ސުލްހައަށް ވާސިލުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއް ޝާމިލްކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެ އޯއައިސީގެ މެންބަރަކަށް ވީތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މެންބަރު ޤައުމުތަކާއެކު އުއްމަތުގެ މަސްލަހަތު ކުރިއެރުވުމުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ވަޒީރު އިރުތިޝާމް އާދަމް ވަނީ އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted