މާމެންދޫ ނަރުދަމާ ނިޒާމުގެ ޕަމްޕު ހަލާކުވެ، ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެއްޖެ

Maamendhoo narudhamaa nizaamuge pump halaakuve, rashugai balimadukameh fethuridhaane kamuge biruverika bodvehjje

ލ. މާމެންދޫ ނަރުދަމާ ނިޒާމުގެ މައި ޖަންކްޝަންގައި ހުރި ޕަމްޕު ހަލާކުވެ، ނަޖިސްތައް އެ ރަށުގެ ގޮނޑުދޮށަށާއި މޫދަށް ބޭރުވަމުންދާތީ، ރަށުތެރޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން މުޅި ރަށުތެރޭގައި ނުބައިވަސް ހިފާފައިވާއިރު، ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ސާފުތާހިރުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެ އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް ރާއްޖެޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައި ޖަންކްޝަންގެ ޕަމްޕު ހަލާކުވެފައިވާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށްދިނުމަށް އެދި މި މަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހަށާއި އެންވަޔަރމަންޓް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކަށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަޖިސް ބޭރުކުރާ ގޮތާ ގުޅޭގޮތުން ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ، ފުރަތަމަ ނަޖިސް ހުސްކުރަމުން ދިޔައީ ރަށުގެ އަތިރިމައްޗަށް ކަމަށެވެ. ނަމަވެސް ފަހުން މޫދުން 10 ވަރަކަށް ފޫޓު އަޑިއަށް ހޮޅިއެއް އަޅައިގެން ބޭރުކުރި ނަމަވެސް، އެއީ ދާއިމީ އަދި ރައްކާތެރި ހައްލެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ގޮނޑުދޮށަށާއި ކައިރި މޫދަށް ނަޖިސް އެޅެމުންދިއުމަކީ ތިމާވެއްޓަށާއި އާންމު ސިއްހަތަށް ނުރައްކާވާ ކަމަކަށް ވާތީ، ވީއެންމެ އަވަހަކަށް މި ނިޒާމު މަރާމާތުކޮށްދިނުމަށް ކައުންސިލުންނާއި ރައްޔިތުން ދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted