ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން މަޤާމުގެ ހުވާކޮށްފި

Dhivehi fuluhunge khidumathaa alah gulhunu 133 fuluhun maqaamuge huvaakohffi

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހަކު މަޤާމުގެ ހުވާކުރުމާއި، ހުވާގެ އިޤްރާރުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ނިޝާތެވެ.

މިއަދު ހުވާކުރި ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުއާއި، ސާވިސް ޑިވެލޮޕްމަންޓް ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ވިދާޅުވީ، ހުވައަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއް ނޫން ކަމަށާއި، އެއީ ދެދުނިޔެ ޚަލްޤު ކުރެއްވި މާތް ﷲ ހެކިކޮށް، އެކަލާނގެ ކުޅަދުންވަންތަކަން އިޤްރާރުވެ ހުރެ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ ވަރަށް މަތިވެރި އަހުދެއް ކަމަށެވެ. އަދި ހުވައެއް ކުރުމަށްފަހު އެއަށް ޚިޔާނާތްތެރިވުމަކީ ދީނީގޮތުންނާއި އަޚްލާޤީގޮތުން ބަލާއިރު ވެސް އިންސާނަކަށް ވެވޭނެ އެންމެ ބޮޑު އެއް ޣާފިލުކަން ކަމަށާއި، ޤައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ފުލުހުންގެ ދައުރަށް ބަލާއިރު މި ހުވާގެ މުހިންމުކަން ވަކިން ބޮޑަށް ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހެއްގެ ޔުނިފޯމް އަޅައިގެން މުޖުތަމަޢުގެ ރައްކާތެރިކަމަށް ނުކުންނަ ކޮންމެ ވަގުތަކީ ކުރެވުނު މަތިވެރި ހުވާ ހަނދާނަށް ގެންނަންޖެހޭ ވަގުތެއް ކަމުގައި ޙުސައިން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި އެއީ ޢަދުލުއިންސާފު ޤާއިމުކުރުމަށާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ ހުވައެއް ކަމަށްވާއިރު، ފުލުހުން އަބަދުވެސް ދެމިތިބެންވާނީ އެ ހުވާގެ މަތީގައި ފަސްޖެހުމެއްނެތި ސާބިތުވެ ކަމަށް ވިދާޅުވިއެވެ.

ވަޒީފާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހި، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަކީ ކުރެވުނު ހުވާގެ ޙައްޤު އަދާކުރުންކަން ފާހަގަކުރައްވަމުން، އެސިސްޓެންޓް ކޮމިޝަނަރ އިތުރަށް ވިދާޅުވީ ފުލުހުންނަށް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދޭނީ ހުވާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބޭ ބަޔަކަށް ވެގެން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted