ބޯވާރޭއާއި ގުގުރުމަށް ސަމާލުވުމަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފި
Boa vissaara aai gugurumah samaaluvumah met ofeehun hudhu samaalu nerefi

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފިއެވެ.
އެ ސަމާލު ނެރެފައިވަނީ ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވައި ޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުންނެވެ. އެ ވައީގެ ބާރުމިނަކީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދެވެ. ވިލާގަނޑުގައި ވައީގެ ބާރުމިން ގަޑިއަކު 35 މޭލާ ހަމައަށް އިތުރުވެދާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކަނޑު ގަދަވާނެ ކަމަށް އެ އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވާނެ ކަމަށާއި، އެންމެ ބޮޑަށް ކަނޑު ގަދަވާނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ބޯވާރޭއާއި ވިލާގަނޑުގައި ގަދަވާ ވައި ކަމުގެ ސަބަބުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުރިހާ ފަރާތަކަށް އިލްތިމާސްކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު މި ހަފުތާ ނިމެންދެން ދެމިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.




