ލ.އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2026“ މާދަމާ ފަށަނީ
L.Atholhuge emme bodu futsal mubaaraiy "Fonadhoo Youth Futsal Challenge 2026" maadhama fashanee
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ”ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2026“ މާދަމާ ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރުލުން މިހާރު ވަނީ ބާއްވައިފައެވެ. އެ އިވެންޓުގައި ވާދަކުރާ ޓީމުތަކުގެ މެނޭޖަރުންނާއި އޮފިޝަލުންގެ އިތުރުން މުބާރާތް އިންތިޒާމުކުރާ އެފްއެމްއެސްސީގެ އިސް ވެރިން ބައިވެރިވިއެވެ.
މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ 7 ވަނަ އެޑިޝަނެވެ. ލ. އަތޮޅުގެ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެދުއަވަށު ސްޕޯޓްސް ކްލަބުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތް މައިގަނޑު ގޮތެއްގައި ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި ވީނަމަވެސް، ކޮންމެ ޓީމަކަށްވެސް އެހެން އަތޮޅުތަކަށް ނިސްބަތްވާ 4 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ކުރީގެ މުބާރާތްތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ފުޓްސަލް ތަރިން ފެނިގެންދާނެއެވެ.
މުބާރާތުގެ ޓީމުތައް ބަހާލާފައިވާ ގްރޫޕްތަކަކީ:
- ގްރޫޕް އޭ: ސީއޭސީ، ގޯޅިއަންސް، މާހިންނެ ޔުނައިޓެޑް، ކުލަމަޖާ އެސްސީ އަދި ކަންމަތި އެސްސީ
- ގްރޫޕް ބީ: ދޮއެމަތި، ކިންގް އެސްސީ، އަލު ބައްތި އެސްސީ، ބެސްޓް ޖޭއާރު އަދި ކިޔުއެމް ސްޕޯޓްސް ކުލަބް
ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުން ފަށާއިރު، މުބާރާތުގެ ފުރަތަ މެޗު ކުޅޭނީ މާދަމާ ރޭގެ 20:00ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސީއެސްސީ ފުޓްސަލް ޓީމާއި ކުލަމަޖާ އެސްސީއެވެ. މާދަމާރޭ ކުޅުމަށް ތާވަލުކޮށްފައިވާ މެޗުތަކަކީ:
- 21:00 ދޮއެމަތި – ބެސްޓް ޖޭއާރް
- 22:00 ގޯޅިއަންސް – މާހިންނެ ޔުނައިޓެޑް
- 23:00 ކިންގް އެސްސީ – އަލު ބައްތި އެސްސީ
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ގްރޫޕް ސްޓޭޖަށްފަހު ކުއާޓާ ފައިނަލްގެ ބުރެއް ނޯންނާނެ ކަމަށާއި، ދެން ސީދާ އޮންނާނީ ސެމީ ފައިނަލް މެޗުތައް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. އަދި މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.




