އިޖުތިމާއީ ގޮތުން ދުޅަހެޔޮ އުފާވެރި އާދަތަކަށް އާންމުން ހޭލުންތެރިކުރަން ހެލްތު އެންޑް ފެމެލީ އެކްސްޕޯއެއް ބާއްވަނީ
Ijuthimaaee gothun dhulhaheyo ufaaveri aadhathakah aammun heyluntherikuran health and family expo eh baavanee

”ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި“ މި ޝިއާރުގެ ދަށުން ޚާއްސަ ހެލްތު އެންޑް ފެމެލީ އެކްސްޕޯއެއް ބާއްވަން ސިއްޚީ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 5 އިން 7 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ ފާއިތުވި ދެ އަހަރުވެސް މި އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ސިއްހީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮ އުފާވެރި އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ދެޖިންސުގެ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.
އަދި ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭ މައުލޫމާތު ދިނުމާއި، މި ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މީގެއިތުރުން މުއައްސަސާތަކާ ގުޅޭ ޝަކުވާތައް ބަލައިގަނެ، ޖަވާބުދާރީވުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކުގެ ގޮތުގައި ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާއި ކުދިންގެ ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ދިނުމާއި ވެކްސިން އަދި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ހަމައެއާއެކު، ބިދޭސީންނަށް ޚާއްސަކޮށް ސިއްހަތާ ގުޅޭ މައުލޫމާތާއި ހެލްތު ސްކްރީނިންގ ކުރިއަށްދާއިރު، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމާއި ހެލްތީ ފުޑް ސްޓޯލްތަކާއެކު ރަނގަޅު ކެއިންބުއިމުގެ އާދަތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.




