ހޮނިހިރު ދުވަހުން ފެށިގެން ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެންނަނީ
Honihiru dhuvahun feshigen Gas fulhithakah gas alhaidhey minvarah badhalu gennanee

ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ގޭސްއިން ހާމަކޮށްފިއެވެ.
މި ބަދަލު ގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ޚިދުމަތް މެދުނުކެނޑި އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
މި ނިންމުމާ ގުޅިގެން ގޭސް ފުޅިތަކަށް އަޅައިދޭ ބަރުދަނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު 7 ކިލޯއަށް މަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ބޮޑު ގޭސް ފުޅިއަކަށް އަޅައިދޭނީ 31 ކިލޯގެ ގޭސް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މޯލްޑިވްސް ގޭހުން ފާހަގަކުރި ގޮތުގައި މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑެއް ނުވާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ ކުރިންވެސް އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ފުޅިއަށް އެޅޭ ގޭހުގެ އަސްލު ބަރުދަނަށް ބަލައި މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުންނެވެ. ވަގުތީ ގޮތުން ގެންނަ މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް މޯލްޑިވްސް ގޭހުން ބުނެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި މަޝްރޫއު ނިމުމުން އެއްފަހަރާ 3 މަސް ދުވަހުގެ ގޭސް ރައްކާކުރެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.




