“އާރުވެރި” މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްފި
"Aaruveri" matching grant scheme ifthithaahukohffi

މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަތް ދާއިރާއަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 278 މިލިޔަން ރުފިޔާގެ “އާރުވެރި” މެޗިން ގްރާންޓް ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މެންހެޓަން ބިޒަނަސް ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ.
މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާޢަތް ކުރިއަރުވައި، މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހިންގާ “ޓްރާންސްފޯމް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަސްވެރި ސިނާޢަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މަޝްރޫޢުތަކުގެ ޚަރަދުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި
މި ސްކީމް އިފްތިތާޙްކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މާލީ ގޮތުން ކަމަށާއި، މި ސިނާޢަތުގައި ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.
“މިހާރު މަސައްކަތް ކުރައްވާ ފަރާތްތައް، ކުދި ފެކްޓަރީތަކާއެކު މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް އިތުރަށް ވިޔަފާރި ފުޅާކުރާނެ ގޮތެއް ނެތް. އިތުރަށް ތަރައްޤީކުރެވޭނެ ގޮތެއް ނޯވޭ. ނޫނީ އަލަށް މަސްވެރި ސިނާޢަތުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތަކަށްވެސް މިތިބެނީ މާލީ ގޮތުން ފުރުޞަތު ނުލިބިފަ. މާލީ ގޮތުން މިއޮތީ ވަރަށް ތަނަނަވަސް ފުރުޞަތެއް. %40 މިއީ ހިލޭ އެހީ. އަނބުރާ ދައްކާކަށް ނުޖެހޭނެ. %60 އޭނައަތުގައި ހުރިކަން ދައްކަން މި ޖެހެނީ،” ވަޒީރު ވިދާޅުވިއެވެ.
އާރުވެރި ގްރާންޓް ދޫކުރުމަށް ހަމަޖެހިފައިވާ 7 ދާއިރާ
މި ސްކީމަށް ހުށަހަޅައިގެން ފާސްވާ މަޝްރޫޢުތަކުގެ ޚަރަދުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭއިރު، އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތް ދާއިރާއަކަށެވެ. އެއީ ދަޅު އުފައްދާ ފެކްޓަރީއެއް ތަރައްޤީކުރުމާއި، މަސް ކާރުޚާނާތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިޒާމު ހަރުކުރުމާއި، މަސްވެރި އުޅަނދުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުކުރުމުގެ އިތުރުން ވުޒާރާއިން ދޫކޮށްފައިވާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށެވެ. މީގެ އިތުރުން މެރިކަލްޗަރ މަސައްކަތް ކުރުމަށާއި، މަސް ކާރުޚާނާ ތަރައްޤީކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެލިއު އެޑިޝަން މަސައްކަތްތައް ކުރުމަށްވެސް މި ގްރާންޓްގެ ދަށުން އެހީ ދޫކުރެވޭނެއެވެ.
މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ސްކީމަކީ މި ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ. މި ގްރާންޓް ސްކީމާ ގުޅޭ މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްޞަ ޕޯޓަލް (aaruveri.fishagriocean.gov.mv) މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.




