އެފްވައިއެފްސީ 2026: ކިންގާއި އަލު ބައްތި މޮޅުވި އިރު، ކުލަމަޖާ އަދި މާހިންނެ މެޗު ވީ އެއްވަރު
FYFC 2026: King aai Alu bhthi molhuvi iru, Kulamaja adhi Maahinne match vee ehvaru

ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ”ފޮނަދޫ ޔޫތް ފުޓުސަލް ޗެލެންޖް 2026“ގެ ގްރޫޕް މަރުހަލާގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން ކިންގް ސްޕޯޓްސް ކްލަބާއި އަލު ބައްތި އެސްސީ މޮޅުވިއިރު، މާހިންނެ ޔުނައިޓެޑާއި ކުލަމަޖާ އެސްސީ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ބުދަ ދުވަހުގެ ރޭ 8:15 ގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކިންގް ސްޕޯޓްސް ކްލަބުން ވަނީ 0-6 ގެ ބޮޑު ތަފާތަކުން ކިއުއެމް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ކިންގުން ވަނީ ހަތަރު ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ.
މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ހާނިމް، ޙުސައިން ސުހާދު ސުހާން، އިބްރާހީމް ނާއިލް އަދި ޝިޔާން ޝާފިޢުއެވެ. ދެވަނަ ހާފުގައި ކިންގްސްގެ އަނެއް ދެ ލަނޑު ޖަހައިދިނީ މޫސާ ހާނިމް އާއި ޝިޔާން ޝާފިޢުއެވެ.
މިއީ މުބާރާތުގައި ކިންގުން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، އެ ޓީމު ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. އަދި މިއީ ކިއުއެމް ކުޅުނު ދެވަނަ މެޗުން ވީ ދެވަނަ ބައްޔެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިންގްސްއަށް ދެ ލަނޑު ޖަހައިދިން ޝިޔާން ޝާފިޢުއެވެ.
ރޭގެ ދެވަނަ މެޗުގައި ގްރޫޕް އޭގެ މާހިންނެ ޔުނައިޓެޑާއި ކުލަމަޖާ އެސްސީ ބައްދަލުކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާހިންނެއިން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑުތައް ޖެހީ ތާއިޢު ޢަބްދުލްޙަކީމާއި، އަޙްމަދު މާއިިން މުޙައްމަދު އަދި ޢަލީ ޝާމްއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ކުލަމަޖާގެ ޢަލީ ވިރާޝް އާއި ޢަލީ މާޒިން ޖެހި ލަނޑުތަކުން ފަރަގު ކުޑަކުރިއެވެ.
އޭގެ ފަހުން އަޙްމަދު މާއިިން މާހިންނެއަށް ހަތަރުވަނަ ލަނޑު ޖަހައިދީ އަލުން ލީޑު ފުޅާކުރި ނަމަވެސް، މުޙައްމަދު ޙާފިޒާއި ޢަލީ ވިރާޝް ކާމިޔާބުކުރި ލަނޑުތަކުން ކުލަމަޖާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މި ދެ ޓީމުން މުބާރާތުގައި ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އެއްވެސް ޓީމަކަށް އަދި މިހާތަނަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާހިންނެއަށް ދެ ލަނޑު ޖަހައިދިން އަޙްމަދު މާއިިން މުޙައްމަދެވެ.
ރޭ ގްރޫޕް ބީގެ މެޗުގައި އަލު ބައްތި އެސްސީން ވަނީ 1-4 އިން ބެސްޓް ޖޭއާރް ބަލިކޮށް، މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައެވެ. އަލު ބައްތީގެ ލަނޑުތަކުގެ ތެރެއިން ދެ ލަނޑު ޙައްޔާން ޝަރީފް ކާމިޔާބުކުރިއިރު، އަނެއް ދެ ލަނޑު ޖެހީ ވިޝާޙް ޢަބްދުލް މަޖީދު އަދި މުޙައްމަދު ޝުވާން ރަޝީދެވެ. ބެސްޓް ޖޭއާރްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކުރީ އަޙްމަދު ސާއިިން ޞިއްދީޤެވެ. މިއީ މި މުބާރާތުގައި ބެސްޓް ޖޭއާރް ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަލު ބައްތީގެ ވިޝާޙް ޢަބްދުލް މަޖީދެވެ.
ގްރޫޕް ސްޓޭޖަށްފަހު ކުއާޓާ ފައިނަލްގެ ބުރެއް ނޯންނާނެއެވެ. ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ސީދާ ދަތުރުކުރާނީ ސެމީ ފައިނަލަށެވެ.
ސެމީ ފައިނަލް މެޗުތައް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމަށާއި ފައިނަލަށް ދާ ދެ ޓީމަށް ވެސް ޚާއްސަ ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގެ 7 ވަނަ އެޑިޝަން ކުރިއަށްދަނީ ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތް މައިގަނޑު ގޮތެއްގައި ލ. އަތޮޅުގެ ކުޅުންތެރިންނަށް ޚާއްސަކުރެވިފައި ވީނަމަވެސް، ކޮންމެ ޓީމަކަށް ވެސް އެހެން އަތޮޅުތަކުގެ 4 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. ޕަސްކުއާލް ޓައިޓަލް ސްޕޮންސަރުކަން އަދި ”ލާމު އެމްވީ“ މީޑިއާ ޕާޓްނަރުކަން ކުރާ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މި މަހުގެ 6 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.




