ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Lhaimagah nagooroalhi eh arai bodethi gellunthakeh libijje

ށ. ޅައިމަގަށް މިއަދު އެރި ނަގޫރޯޅިއެއްގައި އެ ރަށުގެ ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފަ އެވެ.

ޅައިމަގު ކައުންސިލްގެ ނައިބުރައީސް އާދަމް އަޒުމް ވިދާޅުވީ ނަގޫރޯޅި އަރާފައިވަނީ ރަށުގެ ބޮޑުމަގު އުތުރު ފަރާތުން ކަމަށެވެ. އަދި އޭގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ގެތަކަކަށް އެކި ވަރުގެ ގެއްލުންތައް ލިބި، ގަސްތައް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

”ގެއްލުންތައް އަޅުގަނޑުމެން މިދަނީ ޓީމެއް ނެރެގެން ސާފުކުރަމުން. ނަގޫރޯޅި އަރައިގެން ލައްވާލި ތަނެއްވިއްޔާ ހިފައިގެން ދިޔައީ. ފުރާޅެއްވިޔަސް، ގަހެއްވިޔަސް. ރަށުގެ ބޮޑު މަގު އުތުރު ފަރާތުގައި ހުރި ހުރިހާ ގެތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބެލެވޭ،“ އަޒުމް ވިދާޅުވި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ޅައިމަގަށް އެރި ނަގޫރޯޅީގައި ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފުސީލު ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ.

ނަގޫރޯޅި އެރުމާ ހަމައަށް އެ ރަށަށް މޫސުން މާ ބޮޑަށް ގޯސް ނޫން ނަމަވެސް، މިހާރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދާތީ ފުރާޅު އެއްލާލި ގެތަކުގައި ހުރި މުދަލަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ކައުންސިލުން ބުނެ އެވެ. ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ޅައިމަގަށް މި ހާދިސާ ކުރިމަތިވެފައިވާއިރު، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted