ޑޭޓާ ސެންޓަރުތަކުގެ ގެއްލުންތަކުގެ އިންޒާރާއެކު ވެސް ތިމާވެށީގެ ޖަމްޢިއްޔާތަކުން އޭއައި ބޭނުންކުރަން ފަށައިފި

Data center thakuge gellunthakuge inzaaraa ekuves thimaavesheege jamiyyatahkun AI beynun kuran fashaifi

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ބޮޑުވަމުންދާ ކަމުގެ އިންޒާރު ދެމުންވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ތިމާވެށީގެ ޖަމްޢިއްޔާތަކުން މޫސުމީ މަޢުލޫމާތު ދިރާސާކުރުމަށާއި ވަލު ޖަނަވާރުތައް ބެލެހެއްޓުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށައިފިއެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވެ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ފަދަ ޖަމްޢިއްޔާތަކަށް ވަނީ އެ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ސަބަބުތައް ސާބިތުކޮށްދޭން މަޖުބޫރުވެފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ 15 ޖަމްޢިއްޔާއަކާ ސުވާލުކުރުމުން، އެ ހުރިހާ ފަރާތްތަކުންވެސް އެކި ބޭނުންތަކަށް އޭއައި ބޭނުންކުރަމުންދާ ކަމަށް ވަނީ އެއްބަސްވެފައެވެ. ކޮންޒަވޭޝަން އިންޓަނޭޝަނަލް ފަދަ ޖަމްޢިއްޔާތަކުން ސެޓެލައިޓް މެދުވެރިކޮށް ޖަންގަލިތަކުގައި އަލިފާން ރޯވާ ސަރަޙައްދުތައް ދެނެގަނެ، ވަގުތުން ރައްކާތެރިކަމުގެ އިންޒާރު ފޮނުވުމަށް އޭއައި ބޭނުންކުރެއެވެ.

އެ ޖަމްޢިއްޔާގެ އޭއައި ލީޑް އަލީ ސްވަންސަން ވިދާޅުވި ގޮތުގައި، އޭއައިއަކީ ތިމާވެއްޓަށް އަގެއް ދައްކަންޖެހޭ ވަސީލަތެއް ނަމަވެސް، މޫސުމީ މައްސަލަތައް ކުއްލި ޙާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި އަވަހަށް މަސައްކަތް ކުރުމަށް މިއީ މުހިންމު ވަސީލަތެކެވެ.

މީގެ އިތުރުން ކެންޔާގެ ސޭވް ދަ އެލިފަންޓްސްއިން ހާމަކުރި ގޮތުގައި، ކުރިން 200،000 ފޮޓޯ ދިރާސާކުރުމަށް ނުވަ މީހުން ނުވަ މަސްދުވަސް ހޭދަކުރި މަސައްކަތް މިހާރު އޭއައި މެދުވެރިކޮށް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ނިންމާލެވެއެވެ. އަދި އިންސާނުން ހެދި ސާވޭތަކުން ގެއްލިފައިވާ އެތައް ޖަނަވާރެއްގެ ޞައްޙަ ޢަދަދުތައް އޭއައި މެދުވެރިކޮށް ދެނެގަނެވިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ޓެންޒޭނިއާގެ ގޮމްބޭ ނެޝަނަލް ޕާކުގައި ޗިމްޕެންޒީގެ ދިރިއުޅުމާ ގުޅޭގޮތުން ލިޔެފައިވާ ޒަމާންވީ ނޯޓުތައް ޑިޖިޓަލްކުރުމަށް ކުރިން 13 އާއި 15 އަހަރު ނަގާނެ ކަމަށް ލަފާކުރެވުނު މަސައްކަތް، އެމެޒޯން ވެބް ސާވިސަސްއާ ގުޅިގެން އުފެއްދި އޭއައި ޓޫލެއްގެ ސަބަބުން ދެ އަހަރަށް ކުރުކުރެވިފައިވާ ކަމަށް ޖޭން ގުޑޯލް އިންސްޓިޓިއުޓުން ފާހަގަކުރެއެވެ.

ނަމަވެސް، އޭއައި ހިންގުމަށް ބޭނުންވާ ބޮޑެތި ޑޭޓާ ސެންޓަރުތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން އަންދާޒާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުން އަހަރަކު ގާތްގަނޑަކަށް 945 ޓެރަވޮޓް-އަވަރގެ ކަރަންޓު ބޭނުންކުރާނެއެވެ. މިއީ 300 މިލިއަން މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑާ އެއްވަރުގެ އަދަދެކެވެ. މީގެ އިތުރުން މި ތަންތަން ފިނިކުރުމަށް އަހަރަކު 1.2 ޓްރިލިއަން ލީޓަރުގެ ފެން ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ. މިފަދަ ޑޭޓާ ސެންޓަރުތައް ފުޅާކުރުމުގެ ސަބަބުން މައިކްރޯސޮފްޓާއި އެމެޒޯން އަދި ގޫގުލް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ.

މި ނުރައްކާތައް ކުޑަކުރުމަށްޓަކައި ވޯލްޑް ރިސޯސަސް އިންސްޓިޓިއުޓާއި ދަ ނޭޗާ ކޮންޒަވަންސީ ފަދަ ބައެއް ޖަމްޢިއްޔާތަކުން ދަނީ އޭއައި ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، ބޮޑެތި ސެންޓަރުތަކަށް ވީޑިއޯ ފޮނުވުމުގެ ބަދަލުގައި މަސްވެރި އުޅަނދުފަހަރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ވަގުތުން ޑޭޓާ ޕްރޮސެސްކުރެވޭނެ އުކުޅުތައް ބޭނުންކުރަމުންނެވެ. އަނެއްކޮޅުން ގްރީންޕީސް ފަދަ ޖަމްޢިއްޔާތަކުން ވަކާލާތު ކުރަނީ މިފަދަ ބޮޑެތި ޑޭޓާ ސެންޓަރުތައް ބިނާކުރުން ހުއްޓުވުމަށެވެ.

މި މައްސަލައަށް މި މަހު ތުރުކީގައި ބާއްވާ އދ. ގެ ކޮޕް31 މޫސުމީ ސަމިޓުގައި ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted