މާވަށުގައި ފުޓުބޯޅަ ކުރިއެރުވުމަށް ”ޑަބްލިޔު އެކަޑަމީ“ ރަސްމީކޮށް އިފްތިތާޙްކޮށްފި

Maavashugai football kulhieruvumah "W Academy" rasmeekoh ifthithaahukohffi

ލ. މާވަށުގައި ކުޑަކުދިންނަށް ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދީ، ކުޅިވަރު ކުރިއެރުވުމުގެ މަޤްޞަދުގައި ”ޑަބްލިޔު އެކަޑަމީ“ ގެ ނަމުގައި އައު އެކަޑަމީއެއް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި އެކަޑަމީ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕޮލިސް ކޮމާންޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.

މި އެކަޑަމީއަކީ ފުލުހުންގެ ވަޒީފާ އަދާކުރަމުން ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އާދަމް ވަޖީހުގެ އަމިއްލަ އިސްނެގުމުގެ މަތިން އުފެއްދި އެކަޑަމީއެކެވެ. މީގެ ކުރިން މާވަށުގައި ހިންގުނު އައިޑިއާ ފޯކަސް އަދި މާވަށު ސްޕޯޓްސް ކުލަބު ފަދަ ޖަމްޢިއްޔާތަކުގެ އެކަޑަމީތަކުގައިވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ވަޖީހު ފެށި މި ހަރަކާތަކީ ގާތްގަނޑަކަށް 3 މަސްދުވަހުގެ މަސައްކަތުން، 10 ވަރަކަށް ކުދިންނާއެކު ފެށިގެން އައި ހަރަކާތެކެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ކުދިންނާއި ބެލެނިވެރިންގެ ބޮޑު ތަރުޙީބެއް ލިބި، އެކަޑަމީ އިފްތިތާޙްކުރެވުނީ 60 އަށްވުރެ ގިނަ ކުދިންނާއެކުގައެވެ.

ޑަބްލިޔު އެކަޑަމީ ހިންގަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ ކުޅިވަރުގެ ތެރެއިން ނަމާދުކުރުމާއި ދީނީ ކަންކަމަށް އަހުލުވެރިކުރުވުން، އަޚްލާޤު ރަނގަޅުކުރުން، މުދައްރިސުންގެ ބަސްއަހާ ކިޔަމަންތެރިވުން އަދި މައިންބަފައިންނަށް އިޙްތިރާމްކުރާ، ހަށިހެޔޮ ދުޅަހެޔޮ ކުދިންތަކެއް ބިނާކުރުމެވެ. މި އެކަޑަމީއަކީ ވޮލަންޓިއަރ އުސޫލުން ކުރިއަށްގެންދާ އެކަޑަމީއެކެވެ.

މި އެކަޑަމީން ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން އެކަޑަމީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ފުޓްބޯޅައިގެ އިތުރުން އަންހެން އަދި ފިރިހެން ކުދިންނަށް ވޮލީބޯޅަ އާއި ހޭންޑްބޯލް ހަރަކާތްތައްވެސް ކުރިއަށް ގެންދާނެއެވެ. އަދި ބެލެނިވެރިންގެ ކަސްރަތު ޕްރޮގްރާމްތަކާއި، ފެތުމުގެ ހުނަރުތަކާއި، ކޯޗިންގ ކޭމްޕްތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ތަޖުރިބާކާރުންގެ އެހީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަތޮޅުތެރޭގެ އެހެން ރަށްރަށުގެ އެކަޑަމީތަކާއެކު މެޗުތައް ކުޅުމާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމަކީވެސް އެކަޑަމީގެ އަމާޒެކެވެ.

އެކަޑަމީ ހިންގުމުގައި މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅިވަރު ސާމާނާއި ބޯޅައިގެ ދަތިކަން ކަމުގައިވީ ނަމަވެސް، މިކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެކަޑަމީން އެދެއެވެ. އަދި އެކަޑަމީގެ ކަންކަމުގައި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އާއި ކައުންސިލްގެ މެންބަރުންނާއި އިދާރީ ޓީމުން އަދި އެކަޑަމީގެ އެންމެހާ ބެލެނިވެރިން ދެއްވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެކަޑަމީގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted