ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Vilunveshi grant ah kurimathilumuge furusathu hulhuvaalaifi

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ދޫކުރާ “ވިލުންވެށި ގްރާންޓް” އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ގްރާންޓަކީ އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ މާލީ އެހީތެރިކަމުގެ ޕްރޮގްރާމެކެވެ.
މި މަޝްރޫއުގެ ދަށުން، މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް 100,000 (އެއްލައްކަ) ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރި ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަސައްކަތެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެސްއެމްއީ ޑިޖިޓަލްއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ ގުޅިގެންނެވެ. މި ގްރާންޓުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ފަދަ އީޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
ޚާއްޞަކޮށް ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެއްގައި، އަމިއްލަ މަސައްކަތުން ކާނާ އުފެއްދުމާއި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ. އެހީއަށް އެދި ހުށަހަޅާ މަޝްރޫއުތަކަކީ ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި ދިގު މުއްދަތަކަށް މުޖުތަމައަށް އޭގެ މަންފާ ކުރާނެ މަސައްކަތްތަކަކަށް ވާންޖެހެއެވެ.
މި ގްރާންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ވިލުންވެށި ގްރާންޓަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.




