އަތުވާކަށް ނެތް، މިފަހަރުވެސް ސްޕޯޓްސް އެވޯޑަށް މާޖިދާ އާއި ހައްވަ ނޮމިނޭޓް ވެއްޖެ

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަށް، މިފަހަރުވެސް ލ. ގަމު ޢާއިޝަތު މާޖިދާ އާއި ހައްވާ ރާޝިދާ ނޮމިނޭޓް ވެއްޖެއެވެ.
މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ބޮޑެތި މުބާރާތްތަކުގެ ކުޅުމަށް ބެލުމަށްފަހު، އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރަނީ މާޖިދާ އާއި ހައްވަ ގެ އިތުރުން ފާތިމަތު ޖޫޒާން ޒަރީރު އެވެ.
މާޖިދާ އާއި ހައްވަ އަކީ ވޭތުވެދިޔަ ގިނަ އަހަރު ތަކެއްގައި، އަދި މިހާރުވެސް މޮޅު ކުޅުމެއް ދައްކަމުންދާ ދެ ކުޅުންތެރިންނެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑެތި މުބާރާތްތައް ބާއްވާ އިރު، އެންމެ ”ޑިމާންޑް“ ބޮޑު ކުޅުންތެރިންގެ ތެރޭގައިވެސް މި ދެ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން، މި ދެ ކުޅުންތެރިންވެސް ވަނީ މިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސްގައި، އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖިދާ އެވެ. އެހެންކަމުން، ވިދިވިދިގެން ދެވަނަ ފަހަރަށް މި އެވޯޑް ހޯދުމުގެ ފުރުސަތު މާޖިދާ އަށް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރު މާލޭގައި ކުރިޔަށް ގެންދިޔަ ފޯ ނޭޝަންސް ކަޕުން ރާއްޖެއިން ރަނަރަޕްކަން ހޯދާފައިވާއިރު، މާޖިދާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން، ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖިދާ އެވެ.

2023 ވަނަ އަހަރު ވޮލީބޯލް އެސޯސިއޭޝަނުން ކުރިޔަށް ގެންދިޔަ ބޮޑެތި މުބާރާތް ތަކަށް ބަލާއިރު، މާޖިދާ ވަނީ ކްލަބް ވެމްކޯ އާއެކު ޤައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ. މި ދެ މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖިދާ އެވެ. މީގެއިތުރުން، އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވިފައިވަނީވެސް މާޖިދާ އެވެ.
2022 ވަނަ އަހަރު މުޅިން އަލަށް ބޭއްވި ”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް“ ގައި އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހައްވަ އެވެ. އެހެންކަމުން، ދެވަނަ ފަހަރަށް މި އެވޯޑް ހޯދުމުގެ ފުރުސަތު ހައްވަ އަށްވެސް ވަނީ ލިބިފަ އެވެ.
މާޖިދާ އެކޭ އެއްފަދައިން، ފޯ ނޭޝަންސް ކަޕުގެ ރަނަރަޕްކަން ޤައުމީ ޓީމުން ހޯދުމުގައި ހައްވަ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މި މުބާރާތުގައި، ޤައުމީ ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ހައްވަ ކުރި މަސައްކަތް ފާހަގަ ކުރެވެއެވެ. މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހައްވަ ވަނީ ހިމެނިފަ އެވެ.

ހައްވަ ވަނީ ޕޮލިސް ކްލަބްގެ ކެޕްޓަން ކަމުގައި ހުރެ، މިދިޔަ އަހަރުގެ ޤައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕުގެ ރަނަރަޕްކަން ހޯދާފަ އެވެ. ޤައުމީ މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް ޕްލޭޔަރާއި އެސޯސިއޭޝަން ކަޕްގެ ދެވަނަ އަށް މޮޅު އައުޓްސައިޑް ޕްލޭޔަރަކަށް ހޮވިފައިވަނީވެސް ހައްވަ އެވެ.
މި ދެ ކުޅުންތެރިން ހިމެނޭހެން، ލ. އަތޮޅުގެ ތިން ކުޅުންތެރިން ވަނީ ސްޕޯޓްސް އެވޯޑަށް ނޮމިނޭޓް ވެފައެވެ. އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް، ލ. ގަމު ފާތިމަތު ޖުނާ ވާދަކުރެ އެވެ.
ޖުލައި މަހު ހަތަރު ވަނަ ދުވަހު ސްޕޯޓްސް އެވޯޑް ހަފްލާ ބޭއްވުމަށް ނިންމާފައިވީނަމަވެސް، މިހާރު ވަނީ މި ހަފްލާ، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.