ޗެމްޕިއަން ޓީސީ ގައި ލ.އަތޮޅު ހަތް ކުޅުންތެރިން، ގަދަ 11 ގައި ޝައްމާހު އާއި ނަވާފް ހިމެނިއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކްލަބުގައި ލ.އަތޮޅުގެ ހަތް ކުޅުންތެރިން ހިމެނުނުއިރު، މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ލ.ގަމު ހުސައިން ޝައްމާހު އާއި ލ.މާބައިދޫ، އަހުމަދު ނަވާފް ފައުޒީ ހިމެނިއްޖެ އެވެ.

ޓީސީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މެޗަކުން ބަލިނުވެ އެވެ. މުބާރާތުގެ ފައިނަލް މެޗުގައި އެ ޓީމުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުންނެވެ.

ޓީސީ އަށް ކުޅުނު ޝާމިޒް: ފޮޓޯ- ސިޑިބަރި

ޓީސީ ޓީމު އެކުލަވާލުމުގައި ކޯޗު އަހުމަދު ނިމާދު (ނިމާ)، އިސްކަން ދީފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަނގަޅު ކުޅުންތެރިން ހޯދުމަށެވެ. މީގެ އަލިގަދަ ހެއްކަކީ، ހަމައެކަނި ލ.އަތޮޅަށް ނިސްބަތްވާ ހަތް ކުޅުންތެރިން ޓީމުގައި ހިމެނުމެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީސީ ޓީމުގައި ހިމެނޭ ލ.އަތޮޅުގެ ކުޅުންތެރިންނަށް ބަލާއިރު، ފޮނަދޫ ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ އަހުމަދު އަލްތާފް އަޒީމް، އަހުމަދު އަމަން އަލީ، އަހުމަދު އިފްހާމް މުހައްމަދު އަދި އިސްމާއީލް އަފާޒްގެ އިތުރުން އަހުމަދު ޝާމިޒް އެވެ. މީގެއިތުރުން، ގަމު ހުސައިން ޝައްމާހު އާއި ހިތަދޫ އަލީ އަނޫފް ހިމެނެ އެވެ.

ޓީސީ އަށް ކުޅުނު އަލްތާފް: ފޮޓޯ- ސިޑިބަރި

މުބާރާތުގެ ތަށި ޓީސީ އަށް ހޯދައިދިނުމުގައި މި ކުޅުންތެރިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭގެތެރެއިން ޝައްމާހު އާއި އަފާޒް ވަނީ ފައިނަލުގައި ކުޅެ، މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މުބާރާތުގައި ވާދަކުރި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު، ޝައްމާހަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެގޮތުން، ޓީސީގެ ހުރިހާ މެޗެއް ކުޅެފައިވާ މި ކުޅުންތެރިޔާއަކީ ޑިފެންސް ލައިންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އަދި، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި، އަމިއްލަ ޓީމުގެ ހާފުން ޝައްމާހު ޖެހި ގޯލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މީގެއިތުރުން، މި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައިވެސް ޝައްމާހު ހިމެނިފައިވެ އެވެ.

ގޯލު ޖެހުމަށްފަހު ޝައްމާހު އުފާފާޅުކުރަނީ: ފޮޓޯ- އިމޭޖަސް އެމްވީ

މި މުބާރާތުގައި އިތުރަށް ފާހަގަވެގެންދިޔައީ ސަސްގެ ޑިފެންޑަރު، ނަވާފްގެ ކުޅުމެވެ. މުބާރާތުގެ ފައިނަލަށް ސަސް ގެންދިޔުމުގައި ނަވާފް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން، ސަސްގެ ޑިފެންސް ލައިނުގައި ނަވާފްގެ ލީޑާޝިޕާއި އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. މިއާއެކު ނަވާފް ވަނީ މުބާރާތުގެ އެންމެ މޮޅު11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

މުބާރާތުގެ ގަދަ 11 ގައި ހިމެނުނު، ލ.މާބައިދޫ ނަވާފް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލާއިރު، ޔޫތު ޗެމްޕިއަންޝިޕުގައި މޮޅަށް  ކުޅެފައިވާ ކުޅުންތެރިންނަށް އިސްކަން ދޭނެއެވެ. އެހެންކަމުން، 19 އަހަރުން ދަށުގެ ޤައުމީ ޓީމުގައި، ލ.އަތޮޅުގެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments