ބޮޑު މޮޅަކާއެކު އިސްދޫ ސެމީ ފައިނަލާ ގާތަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، އިސްދޫ ޔޫތު ސޮސައިޓީ (އައި.ވައި.އެސް) އިން 10-0 ގެ ނަތީޖާއަކުން ސޮލާހް ސްޕޯޓްސް އެކަޑަމީ ބަލިކޮށް، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ތަޖުރިބާކާރު ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ގެ އިރުޝާދާއެކު، އިސްދޫ ޓީމުން ވަނީ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކުނަހަންދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ވާދަކުރި އެންމެ ހަގު ޓީމު ކަމުގައިވާ ސޮލާހު ސްޕޯޓްސް އެކަޑަމީ ވަނީ ފުރަތަމަ މެޗުގައި 8-0 ގެ ނަތީޖާއަކުން މަތިމަރަދޫ ކައިރިން ބަލިވެފަ އެވެ.

އާދީއްތަ ދުވަހުގެރޭ އިސްދުއާއި ސޮލާހު ސްޕޯޓްސް އެކަޑަމީ ބައްދަލުކުރި މެޗު ފެށިގެން 13 ވަނަ މިނެޓުގައި މުހައްމަދު ނާއިމް ވަނީ ލަނޑެއް ޖަހައި، އިސްދުއަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އަހުމަދު ނޫމާން (ހެލްމެޓް) ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ މުހައްމަދު އަމީން ވަނީ ދެ ލަނޑު ޖަހައި، އިސްދުއަށް ބޮޑު ލީޑެއް ނަގައިދީފަ އެވެ.

އިސްދުއާއި ސޮލާހު ސްޕޯޓްސް އެކަޑަމީ ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ- އަހުމަދު އަރުޝަދު

ދެވަނަ ހާފު ފެށިގެންވެސް އިސްދޫ ޓީމުން ކުޅުނީ ގިނަ ލަނޑުތަކެއް ޖެހުމަ ށެވެ. އެގޮތުން، ހާފު ފެށިގެން ހަތްވަނަ މިނެޓުގައި އިސްދޫ ޓީމުގެ އަލީ ހުމޭޒު ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ނާއިމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.

ހެޓްރިކް ފުރިހަމަ ކުރުމަށް ނާއިމް އަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އަހުސަން ރަޝާދު (އަކިން) ވަނީ އިސްދޫ ޓީމުގެ ނުވަވަނަ ލަނޑު ޖަހާފަ އެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ނާއިމް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްދުއަށް ފަސް ލަނޑު ޖަހައިދިން ނާއިމް އެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments