ދަނބިދޫ ބަލިކޮށް، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ތުނޑި ސެމީ އަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ދަނބިދޫ ބަލިކުރުމަށްފަހު ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގައި ތުނޑި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށްވެސް ލިބުނެވެ. މެޗާ ހަމަޔަށް ދިޔައިރު، މުކުރިމަގުން ވަނީ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ. އެހެންކަމުން، ސެމީގެ ދެވަނަ ޖާގަ ލިބެން އޮތީ ތުނޑި އާއި ދަނބިދޫންކުރެ ކޮންމެވެސް އެއް ޓީމަކަ ށެވެ.
ދަނބިދުއަކީ މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެފައިވާ ޓީމެކެވެ. ނަމަވެސް، ތުނޑިން ވަނީ ފެންވަރު ދައްކާލައި، 7-0 ގެ ނަތީޖާއަކުން ދަނބިދޫ ބަލިކޮށް، ގުރޫޕުގެ އެއްވަނަ ހޯދާފަ އެވެ.
މެޗު ފެށިގެން، ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، މެޗުގެ ކޮންޓްރޯލް ހޯދާފައިވަނީ ތުނޑީ ޓީމުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ތުނޑިއަށް ކުރިހޯދައިދިނީ އިބްރާހިމް އައިސަމް އެވެ. މިއާއެކު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފުގައި ތުނޑީ ޓީމުގެ ފަރާތުން ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން، މެޗުގެ 63 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ ވަނީ އިތުރު ތިން ލަނޑު ޖަހައި، މުޅި މެޗުގެ އޮއެވަރު ބަދަލުކޮށްލާފަ އެވެ. ޖުމްލަ ހަތް ލަނޑާއެކު ރިޒޭ ވެފައިވަނީ މުބާރާތުގައި ދެވަނަ އަށް ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. 10 ލަނޑާއެކު އެންމެ ކުރީގައި އޮތީ މުކުރިމަގު ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
ތުނޑީ ޓީމުން ވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފަ އެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ މުޖުތާޒް އަލީ (މުޖު) އާއި މުހައްމަދު ޖަމީލް އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް، ދަނބިދޫ ޓީމުގެ ހުސައިން ފާރިހު އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ދަނޑުން ބޭރުކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑީ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ރިޒޭ އެވެ.
މި ނަތީޖާއާއެކު، ތުނޑިއަށް ވަނީ ގުރޫޕުގެ އެއްވަނަ ލިބިފަ އެވެ. އެ ޓީމުން ވަނީ އަށް ޕޮއިންޓު ހޯދާފަ އެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ މުކުރިމަގެވެ. މުކުރިމަގާއި ދަނބިދު އަށް ލިބުނީ ހަތް ޕޮއިންޓެވެ. މުކުރިމަގުން ވަނީ ފައިދާ ގޯލުން ކުރިހޯދާފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މި ދެ ޓީމު ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ މިރޭ މަތިމަރަދޫ އާއި އިސްދޫ ބައްދަލުކުރާ މެޗަށްފަހު އެވެ. މި ދެ ޓީމުންވެސް ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ.