ކުލަގަދަ ރަސްމިއްޔާތަކާއެކު ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް ފަށައިފި، ފުރަތަމަ މެޗުން ޖީޖީ ސްޕޯޓްސް މޮޅު

ކުލަގަދަ ރަސްމިއްޔާތަކާއެކު ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް މިރޭ ފެށިއިރު، ފުރަތަމަ މެޗުން ޖީޖީ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
މުބާރާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ މުބާރާތުގެ ތަށި އިފްތިތާހުކުރުމެވެ. ފެށުމުގެ ރަސްމިއްޔާތާއި، މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ، ހައްދުންމަތީ އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ޔޫސުފް އާމިރު އެވެ. އެޔަށްފަހު، ލ.ކުނަހަންދޫ ދުއްތުރާ ބޮޑުބެރު ގުރޫޕުގެ ހުށަހެޅުމެއް ވަނީ ފެނިފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޖީޖީ ސްޕޯޓްސް އާއި ބިގް ގޭންގް އެސްސީ އެވެ. ޖީޖީ ސްޕޯޓްސް އިން މި މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބިގް ގޭންގުގެ އަލީ އަޖުމަލް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖީޖީ ސްޕޯޓްސްގެ އަހުމަދު ޒާދު ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޖީޖީ ސްޕޯޓްސްގެ މުހައްމަދު ޒިދާން އީސާ ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް އެ ޓީމަށް ކުރިހޯދަދީފަ އެވެ.
ބިގް ގޭންގުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ދަނޑިވަޅުގައި، ޖީޖީ ސްޕޯޓްސް އިންވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އަލީ ތޯހިރު (ތޯއްޓޭ) އެވެ.
ޖީޖީ ސްޕޯޓްސް އިން ލަނޑު ޖެހިތާ މިނެޓެއް ފަހުން ބިގް ގޭންގުގެ ކެޕްޓަން، އަލީ ތަލްފާހު (ދޮނޭ) ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އުއްމީދު އައުކޮށްދީފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޖީޖީ ސްޕޯޓްސް އިން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ އިބްރާހިމް ހާނިފް (ޓާގެޓު) އެވެ.
މެޗުގެ ފަހު މިނެޓުގައި އަލީ އަރުޝަދު (ޓޮއިން) ވަނީ ލަނޑެއް ޖަހައި، ބިގް ގޭންގަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީ ސްޕޯޓްސްގެ ޒިދާން އެވެ.
މި ދެ ޓީމުގެ އިތުރުން ގުރޫޕު ”އޭ“ ގައި ދެން ހިމެނެނީ ބިގް ގޭންގް އެފްސީ އާއި ފެކްޝަން އެސްސީގެ އިތުރުން ހައިޑްރާ އެވެ.