ޖީޖީއެސްސީ އާއި ބީޖީއެސްސީގެ ކުރިމަތިލުން ހަމަހަމަ

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ޖީޖީއެސްސީ އާއި ބީޖީއެސްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ އެވެ.
ޖީޖީއެސްސީ އާއި ބީޖީއެސްސީ އަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ. ބީޖީއެސްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖީޖީއެސްސީންނެވެ. މިއަހަރުގެ މުބާރާތައްވެސް މި ދެ ޓީމުންވެސް ނިކުމެފައިވަނީ ވަރުގަދަ ސްކޮޑަކާއެކު އެވެ.
މި ދެ ޓީމުންވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުތަކުން ބޮޑު މޮޅެއް ހޯދާފަ އެވެ. އެގޮތުން، ޖީޖީއެސްސީން ވަނީ 6-3 ގެ ނަތީޖާއަކުން ކިންގު ބަލިކޮށްފަ އެވެ. އަދި ބީޖީއެސްސީން ވަނީ 7-0 ގެ ނަތީޖާއަކުން ފެކްޝަން ކޮތަރަ ބަލިކޮށްފަ އެވެ.
ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމަށް ބަލާއިރުވެސް، މުހިންމު ބައެއް ކުޅުންތެރިން ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އެގޮތުން، ފުރަތަމަ މެޗަކޭ އެއްގޮތަށް، ބީޖީއެސްސީން މި މެޗުވެސް ކުޅުނީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އަޔާޒް އަހުމަދު (އަޔާ)ގެ އިތުރުން މުހައްމަދު އައްޒާމް ނުލައެވެ. އަދި ޖީޖީއެސްސީގެ ފުރަތަމަ މެޗު ކުޅެފައިވާ އަލީ ހާފިޒް (އައްޔަ) ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޖީޖީއެސްސީންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ނަމަވެސް، ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބީޖީއެސްސީގެ ހުސައިން ނާޝިދު (ނާއްޓޯ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ކާމިޔާބެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީގެ އަލީ ޝާމިސް (ތޮއްޕެ) އެވެ.