ގޯތި މައްސަލައިގައި ގަމު ރައްޔިތުން މާޔޫސްވެފައި، މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް 43 ދުވަސް

ހައްދުންމަތީ ގަމުން ގޯތި ބޭނުންވެފައިތިބި ގަމުގެ އެތަކެއް ރައްޔިތުންނެއް މާޔޫސްވެފައި ތިބިއިރު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ގަމުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ފޮނުވިތާ 43 ދުވަސް ވީއިރުވެސް ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިނުވެ އެވެ.

ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުން، އެ ރަށުގެ ރައްޔިތުންނަށް ގޯތި ނުލިބުމަކީ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. މިކަމާ މާޔޫސްވެ، ގަމު ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގަމު ކައުންސިލުގައި އިހުތިޖާޖު ކޮށްފައެވެ.

ގަމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަމުން ބިން ދޫކުރެވެން އޮތީ ގަމުގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމުން ނެވެ. އެ ގޮތުން، ގަމު ކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ލަފަޔާއެކު ލޭންޑް ޔޫސް ޕްލޭން ނިންމައި، މިދިޔަ މަހުގެ 17 ވަނަ ދުވަހު މިނިސްޓްރީ އަށް ފޮނުވާފައެވެ. ނަމަވެސް، މިއަދާ ހަމަޔަށް، މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިނުވާ ކަމަށް ގަމު ކައުންސިލުން މި ނޫހަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ގޯތި ދޫކުރުމުގެ އިތުރުން، ގަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއް މިވަގުތު އޮތީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި ޓުއަރިޒަމް އަށް ޚާއްޞަ ކުރެވިފައިވާ ބިންވެސް ހިމެނޭ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ގަމު ކައުންސިލްގެ ރައީސް، އަޙްމަދު ޒަކީ ވިދާޅުވި ގޮތުގައި، ޓުއަރިޒަމް ޒޯނުގެ މަސައްކަތް ކުރާ ފަރާތުން މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ތަކެތި ގަމަށް ގެނަސްފަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް ނުދަނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ގަމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ މަސައްކަތްވެސް ހުއްޓިފައިވަނީ އެކަމާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ގަމު ކައުންސިލުން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ- ހައުސިންގ މިނިސްޓްރީ

ގަމު ކައުންސިލުން ވަނީ ލޭންޑް ޔޫސް ޕްލޭން އާއި ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، މިނިސްޓަރ ޑރ ޢަލީ ޙައިދަރު އަޙްމަދާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އެ ކަންކަން އަވަސްކޮށް ދެއްވުމަށް ގަމު ކައުންސިލުން ވަނީ މިނިސްޓަރުގެ އަރިހުގައި ވެސް ދަންނަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments