ވައްޓަފާޅި ކަޓުވާލައި، ޖީއާރުއެޗް ސެމީ އަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި، ވައްޓަފާޅި ސްޕޯޓްސް ކްލަބް ބަލިކޮށް، ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމުވެސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. މިއާއެކު ސެމީ ފައިނަލުން ޖާގަ ހޯދުމަށް، މި މެޗުން މޮޅުވުން، ދެ ޓީމަށްވެސް މަޖުބޫރެވެ. ޖީއާރުއެޗުން ވައްޓަފާޅިގެ މައްޗަށް ކުރިހޯދީ 22-12 ގެ ނަތީޖާއަކުންނެވެ.

ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗު ފެށިގެން، މޮޅަށް ކުޅެ، ލީޑު ނަގާފައިވަނީ ޖީއާރުއެޗުންނެވެ. ފުރަތަމަ ހާފު ނިމުނުއިރު ޖީއާރުއެޗުން ކުރިހޯދާފައިވަނީ 8-5 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފެށިގެން، ޖީއާރުއެޗުން ވަނީ މޮޅު ކުޅުމެއް ދައްކައި، ލީޑު ފުޅާކޮށްފަ އެވެ. އެގޮތުން، ދެވަނަ ހާފުގައި ޖީއާރުއެޗުން 14 ލަނޑު ޖެހިއިރު، ވައްޓަފާޅި އަށް ޖެހުނީ ހަތް ލަނޑެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް، ޖީއާރުއެޗުގެ ކީޕަރު، މުހައްމަދު މުއީން އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

މި މެޗުގައި ޖީއާރުއެޗުގެ ފަހުދު އަދުނާން (ފަހުއްޓޭ) ވަނީ ހަ ލަނޑު ޖަހާފަ އެވެ. އަދި މުހައްމަދު ނިމާލް (ޕެޓު) އާއި ޒައިދު މުހައްމަދު ތައުފީގު ހަތަރު ލަނޑު ޖެހިއިރު، ހަސަން ފަރީދު ވަނީ ތިން ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، މުހައްމަދު ރަޝީދު (ޓޭޓު) ދެ ލަނޑު ޖެހިއިރު، ލިވާން އަނީސް އަލީ (ލީކޮ)، އިބްރާހިމް ނާޒިމް އަދި އަލީ ޔޫސުފް (އައިޑީ) ވަނީ ލަނޑު ޖަހާފަ އެވެ.

މި މެޗުގައި ވައްޓަފާޅިގެ 12 ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކުރީ އިސްމާއިލް ފާރިޝް އެވެ. އަދި ފިރުޝާން މުހައްމަދު އާއި މޫސާ ހައިޝަމް ދެ ލަނޑު ޖަހާފައިވާއިރު، މުހައްމަދު ވިޝާމް އާއި މުހައްމަދު މުއާޒު ވަނީ ލަނޑު ޖަހާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީއާރުއެޗުގެ ޒައިދު މުހައްމަދު ތައުފީގެވެ. އޭނާ ވަނީ ޖީއާރުއެޗުގެ އެޓޭކުތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments