ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: މާޔާ ބަލިކޮށް، ޓީކޭ ސެމީ އަށް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޓީކޭ އިންވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުންވެސް މޮޅުވެފަ އެވެ. ޓީކޭ ސެމީ އަށް ދަތުރުކުރީ މިއަދު ހަވީރު، ސީދާ ތިން ސެޓުން މާބައިދޫ ޓީމު ބަލިކުރުމަށްފަހު އެވެ. މިއާއެކު، މާބައިދޫ ޓީމަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، މި ސެޓަކީ މެޗުގައި އެންމެ ފޯރިގަދަ ސެޓެވެ. އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގިފައި ނުވާއިރު، ޓީކޭ އިން ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.
ފުރަތަމަ ސެޓު ކާމިޔާބުކުރުމަށްފަހު ލިބުނު ހިތްވަރާއެކު، ޓީކޭ އިންވަނީ ދެވަނަ ސެޓު ފެށިތަނާ ބޮޑު ލީޑެއް ނަގާފަ އެވެ. މާބައިދޫ ޓީމުން ފަރަގު ކުޑަކުރަން މަސައްކަތް ކުރިނަމަވެސް، ޓީކޭ ކުޅުންތެރިންގެ ބާރު ހަމަލާތައް ރަނގަޅަށް ޑިފެންސެއް ނުކުރެވުނެވެ. ޓީކޭ އިން ސެޓު ކާމިޔާބުކުރީ 25-15 އިންނެވެ.
ތިންވަނަ ސެޓުގެ ކުރީކޮޅު، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ޓީކޭ އިން ދިޔައީ މަޑުމަޑުން ލީޑު ފުޅާކުރަމުންނެވެ. އެ ޓީމުން ތިންވަނަ ސެޓު ކާމިޔާބުކުރީ 25-18 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ އާމިނަތު ޝަހާ ޝާމިން އެވެ.
މުބާރާތުގެ ފަހު މެޗުގައި ޓީކޭ ނިކުންނާނީ އަމިގޯސް އާ ދެކޮޅަށެވެ. މާބައިދޫ ޓީމަށް ބާކީ އޮތީ އަކިރިކޮޅު ސްޕޯޓްސް ކްލަބާއި އަމިގޯސް އާ ދެކޮޅަށް ކުޅޭ މެޗެވެ.