ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ފެކްޝަން އިން މުބާރާތް ނިންމާލީ މޮޅަކުން

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުން، ބިގް ޝޮޓްސް ބަލިކޮށް، ފެކްޝަން ސްޕޯޓްސް ކްލަބުން މޮޅަކާއެކު މުބާރާތް ނިންމާލައިފި އެވެ.

ފެކްޝަން އާއި ބިގް ޝޮޓްސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ. މިއާއެކު، މެޗަށް ނިކުތްއިރުވެސް، ދެ ޓީމަށް ވަނީ ސެމީ އަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.

ފޮނަދޫ މެދުއަވަށު ވޮލީ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ފެކްޝަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފެކްޝަން އިން ސެޓުތައް ކާމިޔާބުކުރީ 25-15، 25-17 އަދި 25-21 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ފެކްޝަންގެ ފާތިމަތު ތޮހޫރާ ވަނީ އެ ޓީމަށް ގިނަ ޕޮއިންޓުތައް ހޯދަދީފަ އެވެ. ދެ ޓީމުންވެސް ސާވިސް އިން ގިނަ ޕޮއިންޓު ތަކެއް ހޯދިއިރު، ތޮހޫރާގެ ބާރު ސާވިސްތައް ފާހަގަކޮށްލެވެ އެވެ. ހާއްސަކޮށް، ތިންވަނަ ސެޓުގެ އެންމެ މުހިންމު ހިސާބުގައި އޭނާ ވަނީ ސާވިސް އިން ވިދިވިދިގެން ހަތަރު ޕޮއިންޓު ހޯދާފަ އެވެ.

މި މުބާރާތުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އާއި އަމިގޯސް ބައްދަލުކުރާ މެޗެވެ. އެޔަށްފަހު، ބުރާސްފަތި ދުވަހުގެރޭގެ ފުރަތަމަ މެޗުގައި ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕު (ކިންގް) އާއި އެފްއެސްޑަބްލިޔު ބައްދަލުކުރާ މެޗު ކުޅޭނެ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައްވެސް ބުރާސްފަތި ދުވަހުގެ ރޭގައި ކުޅޭނެ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސޭންޑްސް އޮފް ލާމު ނިކުންނާނީ އެފްއެސްޑަބްލިޔު އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments