ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އަކިރިކޮޅު ބަލިކޮށް، މާޔާ އަށް ފުރަތަމަ މޮޅު

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު މާވަށު އަކިރިކޮޅު ސްޕޯޓްސް ކްލަބް ބަލިކޮށް، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޓީކޭ ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރުމާއެކު، މެޗަށް ނިކުތްއިރުވެސް، އަކިރިކޮޅާއި މާބައިދޫ ޓީމަށް ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.
ފޮނަދޫ މެދުއަވަށް ވޮލީބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން މާބައިދޫ ޓީމު މޮޅުވީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު، މާބައިދޫ ޓީމުން ކާމިޔާބުކުރީ 25-17 އަދި 25-18 އިންނެވެ.
އަކިރިކޮޅުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގައި އެންމެ ފޯރިގަދަވި މި ސެޓު، އަކިރިކޮޅުން ކާމިޔާބުކުރީ 25-23 އިންނެވެ.
ފުރަތަމަ ދެ ސެޓަކޭ އެއް ގޮތަށް، މާބައިދޫ ޓީމުން ވަނީ ހަތަރުވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، މާބައިދޫ ޓީމުގެ މާޔާ ހުސައިން ސޮލާހު ފޮނުވާލާ ބާރު ހަމަލާތައް ޑިފެންސް ކުރުމުގައި އަކިރިކޮޅު ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފަ އެވެ. މާބައިދޫ ޓީމުން ފަހު ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ ޓީމުގެ މާޔާ އެވެ.
މިއާއެކު، އަކިރިކޮޅުން ވަނީ ގުރޫޕް ސްޓޭޖުގެ ހުރިހައި މެޗެއް ކުޅެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ މާބައިދޫ ޓީމު ނިކުންނާނީ އަމިގޯސް އާ ދެކޮޅަށެވެ.