ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އަމިގޯސް ބަލިކޮށް، މާޔާ އަށް ގުރޫޕުގެ ތިންވަނަ

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު އަމިގޯސް ބަލިކޮށް، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އިން ގުރޫޕު ”ބީ“ ގެ ތިންވަނަ ހޯދައިފި އެވެ.
މެޗަށް ނިކުތްއިރުވެސް، މި ދެ ޓީމަށް ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ. 12 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ހޯދީ ޓީކޭ ސްޕޯޓްސް ކްލަބުންނެވެ. އަދި ނުވަ ޕޮއިންޓާއެކު ދެވަނަ ހޯދީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އެވެ. އަމިގޯސް އަތުން ހޯދި ތިން ޕޮއިންޓާއެކު، މާބައިދޫ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ.
ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން މާބައިދޫ ޓީމު މޮޅުވީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު އަމިގޯސް އިންވަނީ ބޮޑު ލީޑެއް ނަގާފަ އެވެ. ނަމަވެސް، މާބައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، 25-23 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ސެޓު ފެށިގެންވެސް އަމިގޯސް އިން ވަނީ ބޮޑު ލީޑެއް ނަގާފަ އެވެ. ފުރަތަމަ ސެޓާ ހިލާފަށް، ދެވަނަ ސެޓުގައި އެ ޓީމުން ވަނީ ޑިފެންސް ރަނގަޅުކޮށް، ލީޑު ދަމަހައްޓާފަ އެވެ. މި ސެޓުގައި އަމިގޯސްގެ މިންހަތު އަހުމަދު ވަނީ އެ ޓީމަށް ގިނަ ޕޮއިންޓުތަކެއް ހޯދަދީފަ އެވެ. އަމިގޯސް އިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-14 އިންނެވެ.
މާބައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓުވެސް 25-15 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފަހު ދެ ސެޓުގައި މާބައިދޫ ޓީމުގެ އާމިނަތު ރިޔާޝާގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް ރިޔާޝާ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޓީކޭ އާއި ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) އެވެ. އަދި ދެވަނަ ސެމީ ގައި މާދަމާ ރޭ އައިވައިޔޫ ނިކުންނާނީ އެފްއެސްޑަބްލިޔު އެސްސީ އާ ދެކޮޅަށެވެ.