ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ބީޖީ ބަލިކޮށް، ފެކްޝަން ސްޕޯޓްސް ކްލަބް ފައިނަލަށް

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، މިއަދު ހަވީރު 3-2 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް، ފެކްޝަން ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.
އިއްޔެ ހަވީރު 6-0 ގެ ނަތީޖާއަކުން ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ ޓީމުން ތިން މެޗުން ނުވަ ޕޮއިންޓު ހޯދާފައިވާއިރު، ބީޖީ އާއި ފެކްޝަން އެސްސީ އަށް ލިބުނީ ހަ ޕޮއިންޓެވެ. މިއާއެކު، މެޗު ކާމިޔާބުކޮށް، ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިފަ އެވެ.
މިއަދުގެ މެޗަށް ދެ ޓީމުންވެސް ނިކުތީ، މޮޅެއް ހޯދައި، ފައިނަލުގެ ޖާގަ ހޯދުމަށެވެ. އެގޮތުން، މެޗުގައި ފުރަތަމަ ލަނޑު ޖަހައި، އެޑްވާންޓޭޖް ހޯދާފައިވަނީ ފެކްޝަން އިންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ހުސައިން އަލީ (ޗެންޓޭ) އެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޗެންޓޭ ވަނީ އިތުރު ލަނޑެއް ޖަހައި، ފެކްޝަން އަށް ލީޑު ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފުގައި ދެ ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތުމާއެކު، ބީޖީ އަށް ވަނީ ތިން ލަނޑު ޖެހުން މަޖުބޫރުވެފަ އެވެ. މެޗު އެއްވަރު ވެއްޖެނަމަ، ފައިދާ ގޯލުގެ ތަފާތުން ފައިނަލުގެ ޖާގަ ލިބޭނީ ފެކްޝަން އަށެވެ.
ދެވަނަ ހާފު ފެށިގެން 13 ވަނަ މިނެޓުގައި މޫސާ ހާނިމް ވަނީ ލަނޑެއް ޖަހައި، ބީޖީ އަށް އުއްމީދު އައުކޮށްދީފަ އެވެ. ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި އަހުމަދު އަޔާޒް ވަނީ ލަނޑެއް ޖަހައި، ފެކްޝަން އަށް ފުރުސަތު ބޮޑުކޮށްދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ހާނިމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ އަނބުރާ ނުލެވުމުން، ފައިނަލުގެ ދެވަނަ ޖާގަ ލިބުނީ ފެކްޝަން އަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަންގެ ޗެންޓޭ އެވެ.
ފެކްޝަން އާއި ޖީޖީއެސްސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ހަވީރު އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން، 3-1 ގެ ނަތީޖާއަކުން މޮޅުވީ ޖީޖީއެސްސީ އެވެ.