ފުޓްސަލް ކިންގުންގެ ލިސްޓަށް ޖޭންނެ

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް 2024 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ލ.ގަމު، އަބްދުﷲ ޖުނެއިދު (ޖޭންނެ) ހޯދައިފި އެވެ.

ޖޭންނެ ވަނީ މިއަހަރުގެ މުބާރާތް ހިމެނޭހެން، ވިދިވިދިގެން ދެފަހަރު ކްލަބް ވެމްކޯ އާއެކު ކްލަބް މޯލްޑިވްސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ދެފަހަރުވެސް ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބަލިކުރުމަށްފަހު އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީގެ މައްޗަށް ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ. އަދި ހުކުރު ދުވަހުގެރޭ ކުޅުނު މިއަހަރުގެ ފައިނަލް މެޗުގައި ވެމްކޯ އިން އާރްއާރްސީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ޖޭންނެ ވަނީ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ކުޅެފަ އެވެ. އެގޮތުން، ވެމްކޯ ޓީމުގެ ޑިފެންސްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޖޭންނެ އެވެ. އޭނާ މަޝްހޫރު ވެފައިވަނީ މޮޅަށް ޓެކުލް ޖަހާ، މަސައްކަތު ރޭޓު މަތި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއަހަރުގެ މުބާރާތުގައި ޖޭންނެ ވަނީ، ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންނާ ދެކޮޅަށް ކުޅެ، އެ ކުޅުންތެރިން ހިފަހައްޓާލާފަ އެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް ކުޅުނު އާރްއާރްސީ ޓީމުގައިވެސް ގަމަށް ނިސްބަތްވާ ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ އަލި ޝާމިސް (ތޮއްޕެ) އާއި ގޯލްކީޕަރު، މުހައްމަދު ލުފްސާން (ޕަފް) އެވެ. މި މުބާރާތުގައި ތޮއްޕެގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ފައިނަލް މެޗުގައި އާރްއާރްސީން ޖެހި ހަމައެކަނި ލަނޑަކީ، ތޮއްޕެ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

ޖޭންނެ އަކީ މިވަގުތު ރާއްޖޭގެ ފުޓްސަލް އަދި ފުޓުބޯޅައިގައިވެސް އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާ އެވެ. އެގޮތުން، އޭނާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދިޔަ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments