ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: ކިޔުއެމް އާއި ސޭންޑްސް އޮފް ލާމަށް ގުުރޫޕުގެ އެއްވަނަ، ވައްޓަފާޅިން އުއްމީދު އައުކޮށްފި

މިހާރު ކުރިޔަށްދާ އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކިޔުއެމް ސްޕޯޓްސް އެކަޑަމީ އާއި ސޭންޑްސް އޮފް ލާމުން ގުރޫޕުގެ އެއްވަނަ ހޯދިއިރު، ވައްޓަފާޅި ސްޕޯޓްސް ކްލަބުން ކުއާޓާއަށް ދިއުމުގެ އުއްމީދު އައުކޮށްފިއެވެ.
ގުރޫޕު ”އޭ“ ގެ ފަހު މެޗުގައި ބައްދަލުކުުރީ ކިޔުއެމް އާއި އައިލެންޑާސް ސްޕޯޓްސް ކްލަބެވެ. ކިޔުއެމް އިން ވަނީ 21-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އައިލެންޑާސް ބަލިކޮށް، ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. ކިޔުއެމް އިން ހަ ޕޮއިންޓު ހޯދިއިރު، ތިން ޕޮއިންޓާއެކު ދެވަނަ ލިބުނީ ބިގް ޝޮޓްސް އަށެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު މި މެޗުގައި ކިޔުއެމްގެ މުހައްމަދު އިނާލް އިބްރާހިމް ވަނީ އަށް ލަނޑު ޖަހާފައެވެ. އަދި އާހިލް އަލީ ފަސް ލަނޑު ޖެހިއިރު އަހުމަދު އަބާން އަބްދުއް ރަހީމް ވަނީ ހަތަރު ލަނޑުު ޖަހާފައެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ މުހައްމަދު އިފާޒް އިބްރާހިމް އާއި އަހުުމަދު އިފްހާމް މުހައްމަދުގެ އިތުރުން އަހުުުުުމަދު މުއާން މުުސްތަފާއެވެ. ދެވަނަ ހާފުގައި ކުޅެން ނިކުތް މުއާން ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިނާލްއެވެ.
ގުރޫޕު ”ބީ“ ގައި ހިމެނޭ ސޭންޑްސް އޮފް ލާމާއި އެވަލްޒް އެސްސީއަށް ވަނީ މެޗަށް ނިކުތްއިރުވެސް ކުުއާޓާގެ ޖާގަ ޔަގީންވެފައެވެ. ސޭންޑްސް އޮފް ލާމުން ގުރޫޕުގެ އެއްވަނަ ހޯދީ 2-0 ގެ ނަތީޖާއަކުން އެވަލްޒް ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ސޭންޑްސް އޮފް ލާމުގެ ލަނޑުތައް ޖެހީ އާދަމް އާއިޝް އަލީ އާއި އިދުރީސް އިތާފް (އިތޯ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޭންޑްސް އޮފް ލާމުގެ ލިވާން އަނީސް އަލީ (ލީކޮ) އެވެ.
ވައްޓަފާޅި އާއި ޖީ-ސްޓާ ޖޭއާރު ވަނީ ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ. މިރޭ 3-2 ގެ ނަތީޖާއަކުން ޖީ-ސްޓާ ޖޭއާރު ބަލިކޮށް، ވައްޓަފާޅިން ވަނީ ކުއާޓާއަށް ދިއުމުގެ އުއްމީދު އައުކޮށްފައެވެ. އަދި ޖީ-ސްޓާ ޖޭއާރު ވަނީ މުބާރާތުން ކަޓާފައެވެ.
މިރޭ ވައްޓަފާޅިގެ ލަނޑުތައް ކާމިޔާބުކުރީ އަބްދުﷲ ހައިކަލް އާއި އަހުމަދު ސަޖުލް ސުއައިބު (ކޮކީ)ގެ އިތުރުން މޫސާ ޝިފާއުއެވެ. ޖީ-ސްޓާގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ހައިޝަމް ހުސައިން އާއި އަހުމަދު ފަތީހެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައްޓަފާޅިގެ ކޮކީއެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މާދަމާރޭ ކުރިޔަށްދާނެއެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެވަލްޒް އެފްސީ އާއި ޖީ-ސްޓާ އެސްސީއެވެ. ދެވަނަ މެޗުގައި ރިއަލް ޖާޒީ ނިކުންނާނީ ވައްޓަފާޅިއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ޖީ-ސްޓާ ޖޭއާރު ބައްދަލުކުރާނީ އަފޭންނާއެވެ.