ގަމު ފުޓުބޯޅަ މުބާރާތް ފަށައިފި، ފުރަތަމަ މޮޅު ތުނޑި އެފްސީއަށް

ގަމު ކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ ”ގަމު ފުޓުބޯޅަ މުބާރާތް 2024“ މިއަދު ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު ތުނޑި އެފްސީ އިން ހޯދައިފިއެވެ.

ޖުމްލަ ފަސް ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ގަމު ކައުންސިލްގެ ރައީސް، އަހުމަދު ޒަކީއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ތުނޑި އެފްސީ އާއި ހިތަދޫ އެފްސީއެވެ. ތުނޑިން މި މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ހުސައިން ފައިސަލް (ކޮއްތު) ވަނީ ލަނޑެއް ޖަހައި، ތުނޑިއަށް ކުރިހޯދަދީފައެވެ.

ހިތަދޫން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އިބްރާހިމް ޝަނޫން ޖެހި ލަނޑާއެކުއެވެ. ނަމަވެސް، ކޮއްތު ވަނީ އޭގެ ދެ މިނެޓު ފަހުން އިތުރު ލަނޑެއް ޖަހައި، ތުނޑިއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނެޓުގައި ތުނޑިއަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި އަލީ ރިސްވާން ވަނީ ލަނޑެއް ޖަހައި، ހިތަދުއަށް އުއްމީދު އައުކޮށްދީފައެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ތުނޑިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެ ލަނޑު ތުނޑިއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހައްޔާން ޝަރީފެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑި އެފްސީއަށް ދެ ލަނޑު ޖަހައިދިން ކޮއްތުއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބައްދަލުކުރާ މެޗެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments